ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި މަސްއޫދު ޕެޒެޝްކިއާން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް އީރާނަށް ވަޑައިގެންފިއެވެ.
މިއަދު އޮންނަ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން ލަތީފް ބައިވެރިވެ ވަޑައިގަންނަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައެވެ.
އެމަނިކުފާނު އީރާނަށް ވަޑައިގަތުމާއެކު އެ ގައުމުގެ އެއާޕޯޓުން މަރުހަބާ ދެންނެވީ އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް އަލާއެދީން ބުރުޖަރުދީ އެވެ.
އީރާނަށް އާ ރައީސަކު އިންތިހާބުކޮށްފައި މިވަނީ އެ ގައުމުގެ ރައީސް އިބްރާހިމް ރައިސީ އަވަހާރާވުމާ ގުޅިގެންނެވެ. ރައިސީ އަވަހާރަވެފައި ވަނީ އީރާނާއި އަޒަރުބައިޖާން ގުޅޭ ބޯޑަރު ސަރަހައްދުގައި ހެދި ޑޭމް އެއް ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެމަނިކުފާނާއި ހާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުއްލަހިޔާން އާއި ތަބްރީޒީ މިސްކިތުގެ އިމާމު އާޔަތުއްލޯ އަލްހާޝެމީ އާއި އަޒަރުބައިޖާންގެ އިރުމަތީ ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހްމަތީ ދަތުރުކުރެއްވި ހެލިކޮޕްޓަރު މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ވެއްޓުމާ ގުޅިގެންނެވެ.
އެއާއެކު ޕެޒެޝްކިއަން ރައީސް ކަމަށް އިންތިހާބު ވެވަޑައިގަތީ، ޖޫން 28 ވަނަ ދުވަހު ކުރިއަށްދިޔަ އެގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި އެއްވެސް ކެނޑިޑޭޓަކަށް މެޖޯރިޓީ ނުލިބުމާއި ގުޅިގެން މި މަހުގެ 5 ވަނަ ދުވަހު ކުރިއަށް ދިޔަ އިންތިހާބުގެ ދެވަނަ ބުރުގައި އެގައުމުގެ ކުރީގެ ނިއުކްލިއާ ނެގޯޝިއޭޓަރު ސައީދު ޖަލީލީ އާއި ވާދަކުރައްވާ، 16.3 މިލިއަން ވޯޓް ހޯއްދަވައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ 53 ޕަސެންޓެވެ. ސައީދު ޖަލީލީ އަށް ލިބިވަޑައިގަތީ 13.5 މިލިއަން ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 44.3 ޕަސެންޓެވެ.
2008 ވަނަ އަހަރުން ފެށިގެން އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ މެންބަރުކަމުގެ މަގާމް ފުރުއްވަމުންދާ ޕެޒެޝްކިއަން އަކީ ހިތުގެ ހާއްސަ ޑޮކްޓަރެއްވެސް މެއެވެ.
2013 ވަނަ އަހަރާއި 2021 ވަނަ އަހަރުވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވައި، ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެން ޕެޒެޝްކިއަން ވަނީ މީގެ ކުރިން 2001 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާއި ހަމައަށް އީރާނުގެ މިނިސްޓަރު އޮފް ހެލްތު އެންޑް މެޑިކަލް އެޑިއުކޭޝަން ގެ މަގާމު ފުރުއްވާފައެވެ.