ވަކި މުއްދަތެއް ހޭދަވުމުން ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަލުކުރުމަށް ވުރެ އެ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް ހިފެހެއްޓުން މުހިންމުކަމަށް ދެކެވަޑައިގަންނަވާ ކަމަށް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން، މަތީ ތައުލީމާއި ތަމްރީނުގެ ބިލަށް ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންވެގެން ދަނީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިވާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައި އެ ދާއިރާގެ ހިންގުން ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަލުކުރުމަށް ބަލާ މުއްދަތު ކަނޑައެޅުމާއެކު މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ހިފެހެއްޓޭނެ މިންގަނޑުތައް ކަނޑައެޅުން މުހިންމުކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މަތީ ތައުލީމް ފޯރުކޮށްދޭ ތަންތަނުން ކިޔަވައިދޭ ފެންވަރުގެ އިތުރުން އެހެން ކަންކަމަށް ވެސް ސަރުކާރުން ބަލާނެއެވެ.

"ޔުނިވާސިޓީއެއްގަ ހުންނަން ޖެހޭނެ ނުވަތަ އިންސްޓިޓިއުޓެއްގަ ހުންނަން ވާނެ ރިސާޗް، ވަރަށް ވަރުގަދަ ވާން ޖެހޭނެ، އެހެންވީމާ ރިސާޗް ޕްރޮގްރާމްތައް ހުންނަން ޖެހޭނެ، އަދި އޭގެ އިތުރުން މަތީ ތައުލީމް ޕީއެޗްޑީ ހައްދަވާފަ ތިއްބެވި ބޭފުޅުން ވެސް ތިއްބަވަން ޖެހޭ ކަމަށް އަޅުގަނޑުމެނަށް ފެނޭ،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ފާހަގަކުރެއްވި ގޮތުގައި މަތީ ތައުލީމް ރަނގަޅު ފެންވަރެއްގައި ހާސިލްކުރުމުގެ މަގު ތަނަވަސްކޮށްދެވޭނީ އެކި ދާއިރާތަކުން ފެންވަރު ރަނގަޅު ތައުލީމް ހާސިލްކޮށްފައި ތިބި ޕީއެޗްޑީ ހޯލްޑަރުން ވެސް ތިބެގެންނެވެ.

ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވި ގޮތުގައި، ކޮލެޖުތައް ވަކި މުއްދަތެއް ކަޑައްތުކޮށް ޔުނިވާސިޓީތަކަށް ބަދަލުކުރުމުގެ ކުރިން ދިވެހިން ތިބި ހާލަތަށް އަލިއަޅުވާލަން ޖެހޭނެއެވެ.

"...މީގަ ރިއާޔަތްކޮށްލަން ޖެހެނީ އަޅުގަނޑުމެން މިތިބަ ހާލަތާއި އަޅުގަނޑުމެންގެ ގައުމުގައި އިލްމު އުފެއްދުމަށް މި ކުރާ މަސައްކަތްތަކާއި އުފެއްދިފަ ހުރި ވަރާއި ހުރި ވަސީލަތްތަކާއި ހުރި ހިއުމަން ރިސޯސަސް ކެޕޭސިޓީގެ ފެންވަރާއި، މި ހުރިހާ ކަމަކަށް ރިއާޔަތްކޮށްފަ އިލްމު އުފެއްދުމުގެ އިންސްޓިޓިއުޓަކާ ހަމައަށް އަޅުގަނޑުމެން ވިސްނަން ޖެހެނީ،" އޭނާ ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ކޮލެޖެއް ޔުނިވާސިޓީއަކަށް ވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ފެންވަރު ރަނގަޅު އިލްމު އުފެއްދުން ކަމަށާއި އެ މަސައްކަތް ހިނގަނީ ފުދޭވަރަކަށް ޕްރޮޓޮކޯލްގެ ތެރެއިން ކަމަށެވެ. އެހެންކަމުން ހަތަރު އަހަރުން ވެސް ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުވެދާނެ ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމްދޭ ތަންތަނުގެ ކޮލިޓީ އެޝުއަރެންސް މަސައްކަތްކުރުމަށް މިހާރު ލާޒިމް ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ޔުނިވާސިޓީއަކުން ހިންގާ ކޯސްތަކުގެ ތެރެއިން 70 ޕަސެންޓު ކޯސްތަކަކީ އަމިއްލަ ކޯސްތަކަކަށް ވާން ޖެހޭނެ ކަމަށާއި، އެ ތަނެއްގެ 65 ޕަސެންޓު އެކަޑެމިކް ވޯކްލޯޑު ނަގަން ވާނީ އެ ތަނެއްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ އައިޝަތު ވަހީދާ ގަބޫލުކުރައްވާ ގޮތުގައި ކޮލެޖެއް ޔުނިވާސިޓީއަކަށް ވުމަށް 20 އަހަރު ދުވަހުގެ ތަޖުރިބާ ރަނގަޅެވެ.

"އެއީ ތަނެއް އެސްޓޭބްލިޝްވާން، ތަނުގަ ހުންނަ ޕްރޮސީޖާތައް އެންމެ ރަނގަޅުގޮތުގަ ފުރިހަމަވާން މިހާ މުއްދަތު ނަގާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވިއެވެ.

ޝެހެނާޒެކޭ އެއްފަދައިން ވަހީދާ ވެސް ވިދާޅުވީ، ޔުނިވާސިޓީއެއްގެ 65 ޕަސެންޓު ނޫނީ 70 ޕަސެންޓު އެކަޑެމިކް ވޯކްލޯޑު ނަގަން ވާނީ އެ ތަނެއްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ކަމަށާއި، އޭގެ އިތުރުން މާސްޓާސް އާއި ޕީއެޗްޑީ ހާސިލްކޮށްފައި ތިބި 15 ޕަސެންޓު މުވައްޒަފުން ތިބެން ޖެހޭނެ ކަމަށެވެ.