ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ އާ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މި މައްސަލައިގައި، ވ. އާރަށް ކުއްޔަށްދިނުމާ މުޢާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ދިނުމާއި، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް އަދި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން އަބްދުالله ޔާމީންއާއި، ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުގެ ނިންމުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް 18 އެޕްރީލް 2024 ދުވަހު އެ ކޯޓުން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ އެ ހެކިތައް އެއްފަރާތް ކޮށްގެން ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ނިންމި ނިންމުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ނިންމުންތަކާ އަރާރުންވާ ގޮތަށް އޮތް ނިންމުމެއް ކަމަށެވެ.

އަދި ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާއުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތުދީ، އެ ހެކިތަކާ ގުޅިގެން ދެފަރާތުން ޝަރީއަތުގައި ބަހުސްކުރުމުގެ ފުރުސަތުދީ، އެ ހެކިތައް ބަލައިގަތުމާމެދު އަލުން ގޮތެއް ކަނޑައެޅާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، ޝަރީއަތްތައް ދިގުލައިގެން ދިއުމުގެ ސަބަބުން އެމަނިކުފާނަށް މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ގޮތްވެސް ނުވިއެވެ.

ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމުގައި ހިމެނޭ ރިޝްވަތުގެ ކުށުގައި އިއްވި 4 އަހަރުގެ ހުކުމާއި މަނީ ލޯންޑްރިންގެ ކުށުގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމްވެސް ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ.