މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ބޭއްވުމަށް ޝަރަފުގެ ހިނގާލުން ފަސްކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރެވިފައިވާ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީހަކަށް ފަސްކުރެވިފައިވާ ކަމަށެވެ.

ޝަރަފުގެ ހިނގާލުން ކުރިން ތަވާލުކޮށްފައި އޮތީ މިއަދު ހަވީރު 4:15 އަށެވެ. އަދި ހިނގާލުން ފަސްކޮށްފައި ވާއިރު ދެން ހިނގާލުން އޮންނާނެ ތާރީހެއް އަދި އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ.

މިނިވަންދުވަހުގެ ރަސްމީ ޖަލްސާ މިރޭ 8:45 ގައި ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހަވީރު 4:30 ގައި ހުޅުމާލޭގައި ރާއްޖޭގެ ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓްމާޗް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ ހުކުރު ދުވަހުގެ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ ހެވިކަމާއި ކުޅިވަރު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަންތައް ނުބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.