ދިވެހި ރާއްޖެއާއި އިންޑިއާ އާ ދެމެދު ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރާ އެކު އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު ފަތުރުވެރިކަމުގެ ގުޅުން ބަދަހި ކުރުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކާ މެދު މަޝްވަރާ ކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓަރު ފައިސަލް، ސަފީރު މުނޫ މަހާވަރާ ބައްދަލުކުރައްވާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މުނޫ މަހާވަރާ މަޝްވަރާކުރައްވާފައެވެ. އެގޮތުން މި މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ސަފީރު ރައީސް އޮފީހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި، ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުންނާއި އަދި އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫތަކާ ގުޅެ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރާއްޖޭގެ ތަރައްގީއަށާއި ދިވެހީން އެހީތެރިކަމަށް އެދޭ ވަގުތުތަކުގައި އިންޑިއާއިން އަހައްމިއްޔަތުކަން ދެމުންދާ ކަން ފާހަގަކުރައްވައި، ރައީސް ވަނީ، އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން ބެހެއްޓި ގާތްކަން ފާހަގަކުރައްވައި، ސަފީރަށް ޝުކުރު އަދާކުރައްވައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖޫން މަހު ރާއްޖެއަށް އިންޑިއާގެ 51،919 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ލިސްޓުގެ ހަވަނައިގައި އިންޑިއާ އޮތް އިރު އެއްވަނައިގައި އޮތީ 97،377 ފަތުރުވެރިންނާއެކު ޗައިނާއެވެ.