ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ) ގެ ޗެއާމަން ލުުއޯ ޖާއޮހުއިއާ މިއަދު ބައްދަލުކުރައްވައި ދެގައުމަށް ފައިދާ ހުރި މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވެއްޖެއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިއްމު މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި، ޗައިނާ ސަރުކާރުގެ އެހީގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި ޒަމީރު ވަނީ، ރާއްޖެއާއި ސިޑްކާ އާދެމެދު އޮތް ގުޅުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި، ސިޑްކާގެ އެހީގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ސިޑްކާ އާއެކު ގުޅުން ބަދަހިކުރެވޭނެ އާ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިގްތިސޯދީ ކުރިއެރުމަށް، މަޝްރޫއުތައް ތަންފީޒުކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުންވެސް ދެފަރާތުން ވާހަކަ ދެއްކެވިއެވެ.

މިބައްދަލުވުމުން ނިންމަވާލައްވަމުން، ސިޑްކާ އާއެކު ގުޅުން އިތުރަށް ބަދަހިކޮށް، މުސްތަގްބަލުގައި ދެ ގައުމަށް ފައިދާ ހުރި މަސައްކަތްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެފަރާތުން ވަނީ ދެއްވާފައެވެ.

މިނިސްޓަރ ޒަމީރުގެ އަރިހުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާއި، ދިވެހި ސަރުކާރުގެ ސަފީރު ކަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބް ގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި، ޗައިނާގައި ހުންނަ ދިވެހި އެމްބަސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު ސިޑްކާގެ އެހީގައި ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ "ލެޓާސް އޮފް އެކްސްޗޭންޖް" ގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޒަމީރު ބައިވެރިވެވަޑައިގަތެވެ.

މި "ލެޓާސް އޮފް އެކްސްޗޭންޖް" ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަދި ސިޑްކާގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ލުއޯ ޖާއޮހުއި އެވެ.