ގްރޭޑް 10 ނިންމައި އޯލެވެލް ހަދާ ހުރިހާ ދަރިވަރުންނަށް، އޭލެވެލްގެ ފުރުސަތު ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ ސީއެޗްއެސްއީގެ މިދިޔަ އަހަރުގެ އިނާމު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު މަދުކަން ފާހަގަ ކުރައްވާ ޝަފީއު ވިދާޅުވީ ގްރޭޑް އެކަކަށް ވަންނަ 7،000 ދަރިވަރުންގެ ތެރެއިން އޯ ލެވެލް ނިންމައި މަތީ ފެންވަރުގެ ޔުނިވާސިޓީއަށް ވަދެވޭ ވަރަށް 2،500 ދަރިވަރުން ވެސް ފާސް ނުވާ ކަމަށެވެ. އަދި އެކަން ބަދަލު ކުރެވޭނީ ގިނަ ދަރިވަރުންނަށް އޭ ލެވެލް ކިޔެވޭނެ ނިޒާމެއް ފަހު ކޮށްދިނުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސީއެޗްއެސްއީގެ މި އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ވަޑައިގަތުމުން މަރުހަބާ ދަރިވަރުން މަރުހަބާ ދަންނަވަނީ / ފޮޓޯ: ރައީސް އޮފީސް

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީވެސް އޭ ލެވެލް އަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުން ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެއް މާއްދާއިން ނުވަތަ ދެ މާއްދާއިން ފާސްވިޔަސް ދަރިވަރުންނަށް ފުރުސަތު ދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމުން މަޝްވަރާ ކުރެވި، ރައީސްއާ ވެސް މިކަމުގައި މަޝްވަރާ ކުރެވި، އަޅުގަނޑުމެން ނިންމީ ދެ މާއްދާއިން ފާސް ވިޔަސް އޭލެވެލް ކިޔެވުމުގެ ފުރުސަތު ދޭން. އަދި ސްކޫލުގައި ޖާގަ އޮތް ކަމުގައިވާ ނަމަ އެންމެ މާއްދާއަކުން ފާސް ވިޔަސް އަޅުގަނޑުމެން ނިންމީ އޭލެވެލް ކިޔަވަން ފުރުސަތު އެ ދަރިވަރަކަށް ދޭން،"
މިނިސްޓަރު ޝަފީއު

ހަމައެހެންމެ ސަރުކާރުގެ ވިސްނުމަކީ ކިތަންމެ ކުޑަ ފުރުސަތެއް ލިބޭ ނަމަވެސް އެ ފުރުސަތުން މީހުން އުފެއްދުމަށް އިންވެސްޓް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުންވެސް މިނިސްޓަރު ވަނީ އޭ ލެވެލް އިތުރު 23 ސްކޫލެއްގައި ފަށަން ނިންމާފައިވާ ކަން އިއުލާންކުރައްވާފައެވެ.

ރާއްޖޭގައި އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދެނީ، އޯލެވެލްއިން ފަސް މާއްދާއަށް ވުރެ ގިނަ މާއްދާއިން ފާސްވެފައިވާ ނަމަ އެވެ. އެކަމަކު ވަރަށް ފަހުން ވަނީ ފާސްވާ ނިސްބަތް ތިން މާއްދާއަށް މަދުކޮށް، އިތުރު ފުރުސަތު ހުޅުވާލާފަ އެވެ.