ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ކަމުން ޔޫސުފް މާނިއު މުހައްމަދު ވަކިކޮށް، ޑެޕިއުޓީ ކޮމިޝަނަރު ފާތިމަތު ދިޔާނާ ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓުކޮށްފިއެވެ.

މިއީ ކަސްޓަމްސްގެ ތާރީހުގައި އެ އިދާރާގެ ކޮމިޝަނަރު ޖެނެރަލްކަމަށް އަންހެނަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނީ، ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ކަމަށް މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އައްޔަންކުރި މާނިއު އެ މަގާމުން ވަކިކޮށް، ދިޔާނާ އެ މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެރުއްވީ، ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

އެ އޮފީހުން އިތުރަށް ބުނީ ރައީސް ވަނީ، ކޮމިޝަނަރު ޖެނެރަލް ކަމުން މާނިއު ވަކިކުރައްވައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މާނިއު ބަދަލުކުރައްވާފައި ކަމަށެވެ.

ކަސްޓަމްސްގައި 23 އަހަރު ހިދުމަތް ކުރައްވާފައިވާ ދިޔާނާ ވަނީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމު ވެސް މީގެ ކުރިން ފުރުއްވައިފައެވެ. އޭނާ އަށް ޑެޕިއުޓީ ކޮމިޝަނަރުކަން ދިނީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގައެވެ.