ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން ފާއިތުވި 8 މަސް ތެރޭ 39 މީހަކު އިސްލާމް ވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް އެއް ތަނަކުން ފެންނަ "މީޑިއާ މައުރަޒު" އެއް ހުޅުވާފައެވެ. މި މައުރަޒުގައި ބަހައްޓާފައި ހުރި ތަފާސްހިސާބަކުން އެނގޭ ގޮތުގައި، ރާއްޖޭގައި މިދިޔަ 8 މަސް ތެރޭގައި، ތޭރަ ގައުމަކަށް ނިސްބަތްވާ މީހުން ވަނީ އަލަށް އިސްލާމްވެފައެވެ. އެއީ:

  • ފިލިޕީންސް - 8 މީހުން
  • އިންޑޮނޭޝިޔާ - 3 މީހުން
  • މެލޭޝިޔާ - 1 މީހުން
  • އިންޑިއާ - 5 މީހުން
  • ސްރީލަންކާ - 3 މީހުން
  • ސްޕެއިން - 1 މީހުން
  • ނޭޕާލް - 4 މީހުން
  • ރަޝިޔާ - 3 މީހުން
  • އިޓަލީ - 3 މީހުން
  • ޖަޕާން - 1 މީހުން
  • ތައިލެންޑް - 3 މީހުން
  • ވިއެޓްނަމް - 2 މީހުން
  • ޖާމަނީ - 2 މީހުން

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އިފުތިތާހު ކޮށްދެއްވި މި މައުރަޒުގައި ފާއިތުވި 8 މަސް ދުވަހު އިސްލާމިކް މިނިސްޓްރީން ހިންގާފައިވާ އެކި ކަހަލަ ޕްރޮގްރާމުތަކާ ގުޅުން ހުރި މައުލޫމާތުތައްވެސް ހިމަނާފައިވެއެވެ.

މި މައުރަޒު އިއްޔެވެސް ކުރިއަށް ގެންގޮސްފައިވާއިރު، މި މައުރަޒު ދެން ކުރިއަށް ގެންދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 6:00 އާ ހަމައަށެވެ. މި މައުރަޒުގައި އިސްލާމިކް މިނިސްޓްރީގެ އެކި ސެކްޝަންތަކާއި އިދާރާތަކުގެ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ.