އޮގަސްޓު 1 އިން ފެށިގެން އީ ސިނގިރޭޓު އެތެރެކުރަން ދޭ އިނާޔަތްތައް ކަނޑާލާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ ތެރެއިން ދުންފަތް، ނިކޮޓިން އެކުލެވޭ ބާވަތްތައް އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތައް އޮގަސްޓް 1 އިން ފެށިގެން ޑިއުޓީ އިނާޔަތް ދިނުމުން އިސްތިސްނާވާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ނިޔާޒް ވަނީ ރާއްޖެއިން ސިއްހަތާ ގުޅުންހުރި ބައިނަލްއަގުވާމީ އެތައް މުއާހަދާއެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވައި، ދުންފަތުގެ ބާވަތްތަކަށް އިސްތިސްނާއެއް ދިނުމަށް އެ މުއާހަދާތަކުގައި ބާރުނާޅާ ކަމަށް ވިދާޅުވެފައެވެ. އެހެންވެ އަންނަ މަހުން ފެށިގެން ދުންފަތުގެ ބާވަތްތަކަށް ދެމުން ދިޔަ އިނާޔަތް ކަނޑާލަން ނިންމީ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ އެތެރެކުރާ ބައެއް ތަކެތިން އިނާޔަތް އެއްކޮށް ކަނޑާލަން ނިންމާފައިވާއިރު އޭގެ ތެރޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕްކުރަން ގެންގުޅޭ ސާމާނާއި އެނާޖީ ޑްރިންކާއި އެއްގަމު އުޅަނދުފަހަރު ހިމެނެއެވެ.

ނިޔާޒް ވިދާޅުވީ، މި ބަދަލާ އެއްކޮށް އެއްގަމު އުޅަނދުފަހަރު އެތެރެކުރުމަށް ވެސް އެއްވެސް އިނާޔަތެއް ނުލިބޭނެ ކަމަށާއި، އެ ނިންމުމުގެ ބޭނުމަކީ ރާއްޖެ ބައިބޯވުމަށް ހުރި ފުރުސަތުތައް ހަނިކުރުން ކަމަށެވެ.