މި މަހުގެ 16 ވަނަ ދުވަހު މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 48 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނައިރު، އިއްޔެރޭވެސް 04:32 ހާއިރު އަމީނީ މަގުގަައި ހުންނަ ކޭއެފްސީ ގެ ބިއްލޫރި ގަނޑެއް ގާބުރިއަކުން ޖަހާ ތަޅާލާފައިވާ މައްސަލައެއްވެސް ވަނި ރިޕޯޓްކޮށްފައެވެ. މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފައެއް ނުވެއެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑު ދެ ފަހަރެއްގެ މަތިން ތަޅާލާފައިވާއިރު، އިޒްރޭލުން ގާޒާގައި ހިނގަމުންދާ ލާއިންސާނީ އަނިޔާތަކަށް ވާގިވެރިވާ ވިޔަފާރިތައް ބޮއިކޯޓްކުރުމަށް ގިނަ ބަޔަކު ގޮވާލަމުން އަންނައިރު މިދިޔަ އަހަރުވެސް ކޭއެފްސީ އާއި ޕިއްޒާ ހަޓް ރެސްޓޯރެންޓް އަދި ކޮކާކޯލާ ގުދަނަށް ބަޔަކު ވަނީ ކަޅުތެޔޮ ޖަހާފައެވެ