މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑެއް، އަނެއްކާވެސް ތަޅާލައިފިއެވެ.

ފުލުހުން ބުނީ ރޭ 04:32 ހާއިރު އަމީނީ މަގުގަައި ހުންނަ ކޭއެފްސީ ގެ ބިއްލޫރި ގަނޑެއް ގާބުރިއަކުން ޖަހާ ތަޅާލާފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އިތުރަށް ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.

އަމީނީ މަގުގައި ހިންގަމުންދާ ކޭއެފްސީ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑެއް މި މަހުގެ 16 ވަނަ ދުވަހުވެސް ތަޅާލާފައިވާއިރު މި ހާދިސާއާއި ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް އޭރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑު ދެ ފަހަރެއްގެ މަތިން ތަޅާލާފައިވާއިރު، އިޒްރޭލުން ގާޒާގައި ހިނގަމުންދާ ލާއިންސާނީ އަނިޔާތަކަށް ވާގިވެރިވާ ވިޔަފާރިތައް ބޮއިކޯޓްކުރުމަށް ގިނަ ބަޔަކު ގޮވާލަމުން އަންނައިރު މިދިޔަ އަހަރުވެސް ކޭއެފްސީ އާއި ޕިއްޒާ ހަޓް ރެސްޓޯރެންޓް އަދި ކޮކާކޯލާ ގުދަނަށް ބަޔަކު ވަނީ ކަޅުތެޔޮ ޖަހާފައެވެ.