މާލޭގެ އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.

މީޑިއާއަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ރޭ ދަންވަރު 3:06 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް އަދި ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުވެސް ވަނީ އަންހެނުންނަށް ހާއްސަ ތަކެތި ވިއްކާ 'ސޮރީ ބޯއިސް' ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، އެތަނުން ވައްކަންކޮށްފައެވެ. މާފަންނު މަޖީދީމަގަށްވާ ގޮތަށް ހުންނަ އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާ ވަގަށް ގެންދިޔަ ބައެއް ތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.