ހުޅުލެ ފަޅުގައި އޮތް އޮޒެން ރިޒާވް ބޮލިފުށި ރިސޯޓުގެ "އަލްދޫރަ" ނަމަކަށް ކިޔާ ލޯންޗެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު މެންދުރު ފަހު 2:58 ގައި ރިޕޯޓް ކުރި މި ހާދިސާގައި ލޯންޗުގައި އަލިފާން ރީވެފައި ވަނީ އޭގެ އިންޖީންގޭގައި ހުޅު ހިފައިގެން ކަމަށެވެ. މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

ޢޭގޮތުން، އެ ލޯންޗުގެ އިންޖީން ރޫމްގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު 3:46 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެ ލޯންޗުގެ އިންޖީނާއި އިންޖީން ރޫމަށް ވަނީ ގެއްލުންވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ލިބިފައި ނުވެއެވެ.