ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވުމަށް އެމްޑަބްލިއުއެސްސީން ޒަމާނީ ވަސީލަތްތައް ގާއިމްކޮށް ބޭނުން ކުރަން ފަށައިފިއެވެ.

މިއީ ޕަމްޕް ސްޓޭޝަންތައް ގާއިމްކުރެވިފައިވާ ސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫވުން ނިމުމަކަށް ގެނައުމަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ހާއްސަ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މިގޮތުން ގާއިމްކުރެވުނު ފުރަތަމަ އޮޑާ ކޮންޓްރޯލް ސިސްޓަމް ބަހައްޓާ ބޭނުންކުރަން ފަށާފައިވަނީ އައިޖީއެމްއެޗް ސަރަހައްދުގައި ހުންނަ 4 ނަމްބަރު ޕަމްޕް ސްޓޭޝަންގައެވެ. ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންގެ ވެންޓިލޭޝަންއަށް މި ގެނެވުނު ބަދަލުގެ ތެރެއިން ޕަމްޕު ސްޓޭޝަންތަކުގައ މިހާރު ހުންނަ ވަސްހޮޅި ނަގައ،ި ޒަމާނީ އާ ނިޒާމެއް ޕަމްޕު ސްޓޭޝަންތަކުގައި ބަހައްޓާނެ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއެވެ.

އަދި މި ނިޒާމުގެ ސަބަބުން ވައިސާފުކުރާ މިނިޒާމުގެ ސަބަބުން ޕަމްޕް ސްޓޭޝަންއިން ޖައްވު ތެރެއަށްދާ ވައިގާ ހުންނަ ނޭދެވޭ ވަހުގެ މިންވަރު 99 ޕަސެންޓު ދަށް ކުރެވޭނެ ކަމަށް އެ ކުންފުނިން އަންދާޒާ ކުރެއެވެ.

މީގެ އިތުރުން މި ވަސީލަތްތައް ގާއިމް ކުރުމަށް ހަމަޖެހިފައި ވަނީ މާލޭގެ ޕަމްޕު ސްޓޭޝަން 2 ގައެވެ. އެއަށްފަހު މާލޭގައި ގާއިމްކޮށްފައިވާ 9 ޕަމްޕު ސްޓޭޝަންގައި މި ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް 1 އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށްވަނީ އެމްޑަބްލިއުއެސްސީން އަމާޒު ހިފާފައެވެ.

ހަމައެހެންމެ ޖާގަލިބޭ ތަންތަނުގައ،ި މި ވަސީލަތްތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ސޯލާޕެނަލް ހަރުކޮށް، ޕަމްޕްސްޓޭޝަން ތަކަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ވަސީލަތްތައް ބޭނުންކުރާ ތަންތަނަށް ބަދަލު ކުރާނެ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއެވެ.

މި ސިސްޓަމް އަލަށް ހަރުކުރި ސަރަހައްދުގައި މީޑިއާތަކާ ބައްދަލުކުރައްވައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވ،ީ މި ޒަމާނީ އައު ނިޒާމަކީ ޕަމްޕު ސްޓޭޝަންތައް ހުންނަ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން ތަހައްމަލު ކުރާ އުނދަގޫތަކަށް ދާއިމީ ހައްލެއް ފޯރުކޮށްދިނުމަށް، އެ ކުންފުނިން އެކި ކަހަލަ ދިރާސާކުރުމަށްފަހު ބެހެއްޓިގެން ދިޔަ އާ ނިޒާމެއް ކަމަށެވެ.

މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތް ފަސޭހަ ދިރިއުޅުމެއް ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން އެމްޑަބްލިއުއެސްސީން އިސްކަންދީގެން ކުރިއަށް ގެންދާ ހާއްސަ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.