ދެ ނަމާދު ދޭތެރޭގައި މިސްކިތްތަކުގައި ގާރީ ކްލާސް ހިންގުމުގެ ހުއްދަ މި ހަފްތާތެރޭ ދޫކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހި މުޖްތަމައުގައި ގުރުއާން ފަސޭހައިން އުގަންނާ ދެވޭނެ މަގު ފަހު ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އެގޮތުގެ މަތިން އިސްލާމިކް މިނިސްޓަރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކުގައި ދެ ނަމާދު ދޭތެރޭގައި (ގާރީ ކްލާސް) ހިންގުމަށް މި ހަފްތާގައި ހުއްދަ ދޭނެ ކަަމަށެވެ.

މި ކްލާސްތަކުގައި އިމާމުންނާއި ގުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ގުރުއާން ކިޔަވައިދީ ދަސްކޮށްދީ ހެދޭނެކަން ފާހަގަ ކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ މިކަމަށް ޝައުގުހުރި ފަރާތްތަކުން ފޯމުލުމަށް މި ހަފްތާގައި ހުޅުވައިލާނެ ކަމަށެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުން ޝަހީމް ވަނީ ކީރިތި ގުރުއާންގެ އިލްމު ރާއްޖޭގައި ފެތުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހައްމިއްޔަތުކަމަކީ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ނައިބުރައީސުން ފެށިގެން ދައުލަތުގެ ވަޒީރުންނާއި ވެރިން ހަފްލާގެ ކުރީ ސަފު ފުރާލުމަކީ މި ސަރުކާރުން މި މުބާރާތައް ދޭ އަހައްމިއްޔަތުކަން ހާމަވަގެންދާ ކަމެއް ކަމަށާއި އެއީ މުބާރާތުގެ ބައިވެރިންނާއި، އެކުދީންގެ ހިތްވަރުގަދަ ބެލެނެވެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.