ރާއްޖެއިން ބޭރުން، އިމާމުންނާ ހަތީބުން ތަމްރީނުކުރުމަށް ސަރުކާރުން ހިންގަމުންދާ ޕްރޮގްރާމްގެ ތެރެއިން 3 ވަނަ ބެޗު ބުރުނާއީ އަށް ފުރައިފިއެވެ.

މި ޕްރޮގްރާމްގެ 3 ވަނަ ބެޗުގައި، ބުރުނާއީއަށް ފުރާފައިވަނީ 20 އިމާމުންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި 700 އިމާމުންނަށް ތަޖުރިބާ އާއި ތަމްރީން ދިނުންކަމަށެވެ.

މި އަހަރުގެ މިހާތަނަށް 60 އިމާމުން ރާއްޖެއިން ބޭރަށް ތަމްރީނުކުރުމަށް ވަނީ ފޮނުވާފައެވެ. އިމާމުންގެ ތަމްރީނު ޕްރޮގްރާމްގެ ދަށުން މިއަހަރު އިންޑޮނޭޝިޔާ އާއި މެލޭޝިޔާ އަދި ކުވައިތަށް އިމާމުން ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިމާމުންނަށް މާސްޓާސް އަދި ޕީއެޗްޑީއަށް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށް ދިނުމަށް މިނިސްޓްރީންވަނީ ނިންމާފައެވެ.

އިމާމުން ތާޒާކޮށް ތަމްރީނުދިނުމުގެ ޕްރޮގްރާމަކީ މުޅި ރާއްޖޭގެ 11 ސަރަހައްދަކަށް ބަހާލައިގެން ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.