ބާ ކައުންސިލްގައި ބަންޑާރަނައިބަށް ނުހުރެވޭ ގޮތް ހެދުމަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި މިހާރު ތިއްބަވަނީ ބަންޑާރަނައިބާއި، ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ދެން ތިއްބަވާ ހަ މެންބަރުން ހިމެނޭހެން ނުވަ މެންބަރުންނެވެ.

ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު އެ އިސްލާހު ހުށަހެޅުއްވި ބޭނުމެއް ކަމަށް ވިދާޅުވީ، ފުރިހަމަ މިނިވަންކަމާ އެކު ބާ ކައުންސިލުން ކަންކަން ހިންގުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އަދި ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެ ތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި، ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހީންނަށް ބައެއް ލިޔެކިއުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހު ވެސް ހިމެނޭ ކަމަށް، އިސްލާހު ހުށަހެޅުއްވި ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހު ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ، ބާ ކައުންސިލްގައި ދެން ތިއްބަވާނީ އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ހަތް މެންބަރުންނެވެ.