ކީރިތު ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަ ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ޖަލްސާ​ގައި މިރޭ ވާހަަކަފުޅު ދައްކަވަަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުމެވެ.

އެގޮތުން މީގެ ކުރިން ކީރިތި ގުރުއާން ހިތުދަސް ކުރާ މީހުންނަކީ ނިސްބަތުން މަދުބައެއް ނަމަވެސް މިހާރު ގުރުއާން ހިތުދަސް ކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުގެ މަތިން ހާފިޒުން އިތުރު ކުރުމަށް ކުރާ ހޭދަ ސަރުކާރުންވެސް އިތުރު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން. އެ ކަމަށް ޓަކައި ވަސީލަތްތައް އިތުރުކުރެވިގެން ދާނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެވިގެން ދާނެ،
ރައީސް

މި ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގެން ދިވެހި ދައުލަތް ހިންގުމުގެ މަތިވެރި އަމާނާތް ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރެއްވިކަން ފާހަގަ ކުރައްވާ އިތުރަށް ވިދާޅުވީ އެމަނިކުފާނު އަމަލު ކުރައްވާނީ ދިވެހީންނަށް އެންމެ މަސްލަހަތާއި ރައްކާތެރިކަން ހުރި ގޮތަށް ކަމަށެވެ. އެގޮތުން މާތްވެގެންވާ އިސްލާމްދީނަށް ނަސްރުދިނުމަކީ އެންމެ އިސްކަން ދޭނެ ގައުމީ އެއް ވާޖިބު ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކޮންމެ ކަމެއް ކުރުމުގައި މާލީ އެހީތެރިކަން ބޭނުންވާތީ އެ ކަމަށް ވެސް ހާއްސަ ވިސްނުންތަކެއް ތަންފީޒު ކުރަމުންދާ ކަމަށާއި ހިލޭ ކީރިތި ގުރްއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެހެންމެ އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒުކަމަށް ވަނީ ވިދާޅުވެފައެވެ.