އާލާސްކަންފުޅާ އުޅުއްވާތީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވެސް ހާޒިރުވެވަޑައިނުގެންނެވުނެވެ.

އެމްއެމްއޭ އިން ސަރުކާރަށް ލަފާ ނާރުވާ ކަމަށް ބުނެ، މާލިއްޔަތު ކޮމިޓީން ދިރާސާކުރަމުންދާ މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ގަވަރުނަރަށް އެންމެ ފުރަތަމަ ދިނީ އިއްޔެއެވެ. އެކަމަކު އާލާސްކަންފުޅާ އުޅުއްވާތީ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަން އަންގަވައި، އޭނާ ވަނީ ލިޔުމުން ޖަވާބު ފޮނުއްވައިފައެވެ.

މިއަދުގެ ބައްދަލުވުން ފަށްޓަވައި ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހީމް ވިދާޅުވީ، ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ ދެ ދުވަހުގެ ސަލާމެއްގައި ހުންނެވިކަން އެމްއެމްއޭއިން ކޮމިޓީ އަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، ކޮމިޓީ އަށް ހާޒިރުވުމަށް ގަވަރުނަރަށް އިތުރު ފުރުސަތެއް ދޭން ލަފާދެއްވައި، މާދަމާ ހާޒިރުވެވަޑައިނުގެންފިނަމަ، ރިޕޯޓުގެ މައްޗަށް ބަލައި ފިޔަވަޅު އެޅުމާ މެދު މެންބަރުންގެ ހިޔާލަށް އެއްސެވިއެވެ.

އެ ހުށަހެޅުމަށް ތާއީދުކޮށް ކޮމިޓީން ނިންމީ މާދަމާ 11 ޖަހާއިރަށް ބައްދަލުވުމެއް ތާވަލުކޮށް، ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމަށް ގަވަރުނަރަށް އެންގުމަށެވެ.

ހާޝިމް ވަކިކުރުމަށް ރައީސަށް ލަފާދޭން މި މަހުގެ ކުރީކޮޅު ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް، މި މަހުގެ ފުރަތަމަ ދުވަހު މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ. ނާޒިމް ވިދާޅުވީ، ހާޝިމް ސަރުކާރަށް އެއްބާރުލުން ނުދެއްވާ ކަމަށާއި، އެގޮތުން މި ސަރުކާރު ހަވާލުވިފަހުން ފާއިތުވި މުއްދަތުގައި ގަވަރުނަރުގެ އެއްވެސް ލަފައެއް ނުލިބޭ ކަމަށެވެ.

މި މައްސަލައިގައި ލިޔުމުން އިއްޔެ ދެއްވި ޖަވާބުގައި ހާޝިމް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ހާލަތު ގޯސްވުމުގެ ކުރިން، އެފަދަ ހާލަތަކުން ގައުމު ސަލާމަތްކުރުމަށް ބޭނުންވާ އިރުޝާދުތައް ކަމާބެހޭ ފަރާތްތަކަށް ދެމުން ދިޔަ ނަމަވެސް، އެއްވެސް ފަރާތަކުން އެ އިރުޝާދުތަކަށް އަހައްމިއްޔަތުކަމެއް ނުދޭ ކަމަށެވެ.