ވަގަށް ސިނގިރޭޓު އެތެރެ ކުރި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފަކު ސަސްޕެންޑު ކުރި ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ފަހުން ސިނގިރޭޓް ކޮންޓެއިނަރެއްގެ އިތުރުން އެއާ ކާގޯ އިން ވެސް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ހިފަހައްޓާފައިވާ ކަމަށާއި، ނަމަވެސް އެކަން ކުރި މީހުން ހޯދުމަށްޓަކައި އެ ޝިޕްމަންޓުން ބައެއް މާލެ ތެރެއަށް ދޫކޮށްލާ އެތަކެއްޗަށް ފޮލޯ ކުރި ކަމަށެވެ.
މާނިއު ވިދާޅުވީ އިންޓެލިޖެންސްގެ ވެސް އެހީތެރިކަން ހޯދައިގެން ކުރި ތަހުގީގުން އެ ތަކެތި އެތެރެކުރި މީހުންނަކީ ކޮން ބައެއް ކަން އެނގުނު ކަމަށެވެ. އެގޮތުން މި މައްސަލައިގައި ސަސްޕެންޑު ކުރި ކަސްޓަމްސްގެ މުވައްޒަފަކީ ސްކޭން ކުރާ މެޝިން ކައިރީ ހުރި މުވައްޒަފެއް ކަމަށްވެސް މާނިއު ވަނީ ވިދާޅުވެފައެވެ.
ކަސްޓަމްސް އިން ރާއްޖެއަށް ސިއްރުން ސިނގިރޭޓްތަކެއް އެތެރެކުރި ކަމުގެ ތުހުމަތުގައި ކޯތު އަމުރެއްގެ ދަށުން މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ހުޅޫމާލޭގެ ތަނެއް އަދި 26 ވަނަ ދުވަހު ހުޅުމާލެ އާއި މާލޭ ހިމެނޭ ހެން 4 ތަނެއް ބަލައި ފާސްކޮށް ވަނީ 173 ކާޓަންގެ ސިނގިރޭޓް އަތުލައިގެންފައެވެ. މި ތަކެތީގެ ލަފާ ކުރެވޭ މާކެޓް އަގަކީ 1،600،596 ރުފިޔާ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މީގެއިތުރުން މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އައި މުދަލުގެ ޝިޕްމަންޓެއްގައި 343 ކޭސް ޕޭޕާ ޓިޝޫ ކަމުގައި ބުނެފައިވާ އެއްޗެއް ޑިކްލެއާކޮށްފައިވާ ކަމަށާއި، ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން އެތެރެކުރަން އުޅުނު ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. ކަސްޓަމްސްއިން ބުނީ އެ ޝިޕްމަންޓު ބަލައި ފާސްކުރިއިރު 143 ކާޓަންގެ ޕޭޕާ ޓިޝޫގެ އިތުރުން 200 މާސްޓާ ކާޓަންގެ ސިނގިރޭޓު ފެނިފައިވާކަމަށެވެ.
ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންވެފައި ވަނީ ދުރާލާ ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑާ ޕްރޮފައިލްއަށް ބިނާކޮށް މުދަލުގެ ލިޔެކިޔުންތަކާއި މުދާ ބަލައި ފާސްކުރާ ގޮތަށް ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އެގޮތުން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ގަވައިދާ ހިލާފް މުދާ ކަމަށް ޝައްކު ކުރެވޭ ހާލަތުގައި މުދާ ކްލިއާ ކުރުމަށް ފުރުސަތު ދިން ނަމަވެސް އެ ތަކެތި ގެންދާ ތަނެއް ހޯދުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.