އެފްއެސްއެމްއިން ވިއްކި ތެލުގައި ފެން ހުރި ކަމަށް ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.
ގއ އަތޮޅުގައި ވިއްކި ތެލުގައި ތެލަށްވުރެ ފެން ގިނަ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އެފަދަ ފޮޓޯތަކެއް ވެސް ދައުރު ކުރަމުންނެވެ.
މިކަމާ ގުޅިގެން އެފްއެސްއެމް އިން ބުނީ އެ ކުންފުނިން ގއ. މާމެންދޫ އަދި ގއ. ނިލަންދުއަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރިކަމަށް ލިޔެ މީސްމީޑިޔާގައި ދައުރުވަމުންދާ ހަބަރަކީ ތެދު ހަބަރެއް ނޫން ކަމަށެވެ. އަދި އެ ކުންފުނިން ވިއްކާ ތެލަކީ ކޮލިޓީ ތެޔޮކަން ޔަގީންކޮށް ދިނުމަށް ފެނަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހުރިހާ ބާޖެއްގައި އަބަދުވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ތެލުގެ ކޮލިޓީ ދެމެހެއްޓުމަށް ތެޔޮ ވިއްކާ ފަރާތްތަލުން އެކަމަށް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމުތައް ތަރައްގީ ކުރުމަށާއި ކަމާބެހޭ ފަރާތްތަކުގެ ލަފައާ އެއްގޮތަށް އަމަލު ކުރުމަށް އެފްއެސްއެމް އިން ވަނީ އިލްތިމާސް ކޮށްފައެވެ.