އޭޝިއާގައި ހުރި އެންމެ މުއްސަނދި މަހުޖަނު, މުކޭޝް އަންބާނީގެ ހަގު ދަރި, އަނަންތް އަމްބާނީގެ ކައިވެންޏަށް 620 މިލިއަން ޑޮލަރު ހަރަދު ކޮށް, ބޭއްވި ކުލަގަދަ ރަސްމިއްޔާތުގެ ސަބަބުން ފާޑުކިޔުންތައް އަމާޒު ވަމުން އެބަދެއެވެ.
މިލްކިއްޔާތުގެ އަގު 130 ބިލިއަން ޑޮލަރަށް އަރާ އަމްބާނީގެ ހަގު ދަރީގެ ކައިވެންޏަށް މިލްކިއްޔާތުގެ 0.5 ޕަސެންޓް [620 މިލިއަން[ ޑޮލަރު ހަރަދު ކުރި ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.
އިންޑިއާ އާއި ހޮލީވްޑްގެ މަޝްހޫރު އެތައް ސަތޭކަ ފަންނާނުންނަކާއި ދުނިޔޭގެ އެކިއެކި ގައުމުތަކުގެ އިއްޒަތްތެރިންނާއި, ދައުވަތު ދީގެން ގެންދިޔަ އެތައްހާސް ބަޔަކު ބައިވެރިވެ, އެތައް މަހަކަށް ދެމިގެން ދިޔަ ކައިވެނި ހަލްފާއަކީ މުޅި އިންޑިއާ އަދި އޭޝިއާގެ އެތުރުން ދުނިޔޭގެ އެހެންވެސް ސަރަހައްދެއްގައި ނުބާއްވާހާ ކުލަގަދަކޮށް ބޭއްވި ހަފްލާއެކެވެ.
އެފަދަ ބައެއް ފަންނާނުންގެ ތެރޭގައި ޖަސްޓިން ބީބާ, ކިމް ކާޑޭސިއަން, މައިކް ޓައިސަން, ޓޯނީ ބްލޭޔާ, ރައީސް މުހައްމަދު ނަޝީދު, ބޮރިސް ޖޯންސަން ފަދަ އެތައް ބަޔަކު ހިމެނެއެވެ.
މި ހަފްލާތަކާ ގުޅިގެނ ފާޑިކިޔާ ބައެއް ފަރާތްތަކުން ބުނެފައި ވަނީ, އަމްބާނީގެ މުއްސަނދި ކަމަކީ ގާނޫނީ ގޮތުން ސައްހަ މުއްސަނދިކަމަކަށް ވެދާނެ ކަމަށާއި ނަމަވެސް އެއީ ދުނިޔޭގެ ނިޒާމުތަކުގެ ކުރިމަތީގައި ފާފައެއް ކަމަށް ދެކޭ ކަމަށެވެ. އެހެން ބުނި މީހާ އިޝާރާތް ކުރީ އެ ބޮޑު އިސްރާފަށާއި ދުނިޔޭގައި ތިބި ފަގީރުންނަށެވެ.
އަމްބާނީގެ ހަފްލާއަށް ތާއީދު ކުރި ބައެއް މީހުން ބުނީ, އެހާ ބޮޑު ހޭދައެއް ކޮށްގެން އެހާ ގިނަ ބަޔަކު [އާންމުންގެ ގިނަ ބަޔަކު ދަންނަ[ މޫނުތަކެއް ބައިވެރިވެގެން ދިޔުމަކީ, އިންޑިއާ އަށް ލިބުނު ފަހުރެއް ކަމަށާއި, އިންޑިއާގެ ހައިބަތާއި, އިގުތިސޯދާއި, ދުނިޔޭގެ ސަފުގައި އިންޑިއާ އޮތް ދަރަޖަ މުޅި ދުނިޔެއަށް ހާމަވެގެން ދިޔަ ކަމަށެވެ.
އަނަންތުގެ ކައިވެންޏަށްޓަކައި ބިޒީ ބޮމްބޭގެ ވިޔަފާރި ސަރަހައްދުގެ ކާރުބާރޫ ބޮޑު މަގުތައް 4 ދުވަހަށް ބަންދު ކޮށްލިއެވެ. އަދި ހިނގާބިނގާވެ އުޅުމަށާއި އާންމު އެތައް ކަމަކަށް ދަތިވާނޭ ގޮތަށް ބޮޑު ސަރަހައްދެއް ބަންދު ކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް ވެސް އަމާޒުވެގެން ދިޔައެވެ.
ހަބަރުތައް ބުނާގޮތުން އާންމުންނަށް އެންގި ގިނަ އެއްގުންތައް އަންގާފައި ވަނީ އަމްބާނީގެ ކުންފުނި ރިލަޔަންސްގެ ފޭސްބްކް އަދި ސޯޝަލްމީޑިއާ ޗެނަލްތަކުގެ ޒަރީއާއިންނެވެ. އެ ޕޭޖްތަކަކީ 2.3 މިލިއަން ފޮލޯވަރުން ތިބޭ ޕޭޖްތަކެކެކެވެ.