ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ބައިވަރު މަޝްރޫއުތައް ހިމަނާފައި ހުއްޓަސް، ފައިސާގެ އަދަދުތައް ޖަހާފައި ހުރީ މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ވުރެ މަދުން ކަމަށް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ، ބަޖެޓުގައި މަޝްރޫއުތައް ހިންގުމަށާއި މަޝްރޫއުތައް ފެށުމަށް ބޭނުންވާ ވަރަށް ވުރެ ފައިސާ މަދުން ހިމަނާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ، ބައެއް މަޝްރޫއުތަކަށް 2-3 މިލިއަން ރުފިޔާ ޖަހާފައި އޮވެދާނެ ކަމަށާއި، އަލަށް ފަށާ މަޝްރޫއުތަކަށް 1-2 ލައްކަ ރުފިޔާ ޖަހާފައި އޮވެދާނެ ކަމަށާއި، އެ ވަރުން މަޝްރޫއުތައް މޮބިލައިޒްކުރުމަށް ވެސް ދަތިވާ ކަމަށެވެ.

"އެހެންވީމާ ސަރުކާރަށް ވަރަށް ދަތި މިހާރު ހުރި މަޝްރޫއުތައް ވެސް ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދަން އެ ހުރި ފައިސާގެ އަދަދުގެ ގޮތުން، އަދި ހަމަ އެއާއެއްކޮށް އާ މަޝްރޫއުތައް ފަށަން ވެސް،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ބަޖެޓުގެ ތެރެއިން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ބަޖެޓު ފަރުމާކުރާއިރު އެ އަހަރަށް ބޭނުންވާ އަދަދަށް ފައިސާ ހިމެނުމަށް މެންބަރުންގެ އަރިހުން މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.