އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓް ކައިވެނި ކުރި ހަފްލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

އާނަންތު އާއި ރާދިކާ ކައިވެނި ކުރީ ރޭ މުމްބާއީގެ ޖިއޯ ވޯލްޑް ސެންޓަރުގައި ބޭއްވި ބޮޑު ހަފުލާއެއްގައެވެ. މި ކުލަގަދަ ހަފުލާގައި އެ ދެމީހުންގެ އާއިލާގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

އެގޮތުން ޔޫކޭގެ ކުރީގެ ޕްރައިމް މިނިސްޓަރު ބޮރިސް ޖޯންސަން އާއި ޓޮނީ ބްލެއާ ހިމެނެއެވެ. އެއާއެކު ފީފާގެ ރައީސްގެ އިތުރުން ރައީސް ނަޝީދާއި އަދިވެސް އިތުރު ގައުމުތަކުގެ ލީޑަރުން ވެސް ވަނީ މި ހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ނަޝިދު މި ހަފްލާއަށް ވަޑައިގެންފައިވާ އިރު، އެމަނިކުފާނުގެ ބައެއް ފޮޓޯތައް ވެސް އަންނަނީ ސޯޝަލް މިޑިއާގައި ދައުރުވަމުންނެވެ. އެ ގޮތުން ބައެއް ފަރާތްތަކުން މި ކައިވެނި ހަފްލާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމުން ފާޑުކިޔާފައި ވެއެވެ.

މި ކައިވެންޏަށް މުޅި ބޮލީވުޑް އެއްވެފައި ވާއިރު، ބޮލީވުޑްގެ ސުޕަސްޓާރުންގެ ތެރޭގައި އަމީތާބް ބައްޗަން އާއި ޝާހްރުކް ހާން އާއި ސަލްމާން ހާން އަދި އެ ތިން ތަރިންގެ އާއިލާގެ ހުރިހާ މެންބަރުން ހިމެނެއެވެ. ހަމައެއާއެކު ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ވެސް މި ކައިވެންޏަށް ދިޔައެވެ.

ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ތަރިންގެ ކިމް ކަޑޭޝިއަން އާއި އޭނާގެ ކޮއްކޮ ކްލޯއީ ކަޑޭޝިއަން ވެސް ވަނީ ރޭގެ ހަފުލާގައި ބައިވެރިވެފައެވެ. އެމެރިކާގެ އެކްޓަރު ޖޯން ސީނާ ވެސް މި ހަފްލާގައި ބައިވެރިވިއެވެ.

މިއީ މިހާތަނަށް ދުނިޔޭގައި ބޭއްވި އެންމެ ކުލަ ގަދަ ކައިވެނި ހަފްލާ ކަމަށް ބައެއް މަސްދަރުތަކުން ބުނާ އިރު، މި ކައިވެންޏަށް ބޭއްވި އެކި ހަފްލާތަކަށް ގާތްގަނޑަކަށް 600 މިލިއަނެއްހާ ޑޮލަރު ހޭދަވެފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެއެވެ.