2.5 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ދެ ސްކޭމްގެ މައްސަލައިގައި މާފުށި ޖަލު ބަލަހައްޓާ ބައެއް އޮފިސަރުންނަށް ފައިސާ ލިބުނު ކަމަށް، ފުލުހުން މިއަދު ހާމަކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ދެ މައްސަލައިގައި ވެސް ޖަލު އޮފިސަރުންނަށް ފައިސާ ލިބިފައިވާކަން ފުލުހުންގެ ތަހްގީގަށް ފާހަގަކުރެވުނު ކަމަށެވެ.

މި ކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ފެންނަ ގޮތުން، ސްކޭމްގެ ދެ މައްސަލައިގެ ތެރެއިން ބައި މިލިއަން ރުފިޔާ ފޭރުނު މައްސަލައާ ގުޅިގެން ކ. މާފުށީގެ ޖަލު ބަލައި ފާސްކުރުމުން، މެމޮރީ ކާޑަކާއި ޕެން ޑްރައިވަކާއި ދެ ސިމް ކާޑަކާއި ފޯނުގެ ތިން ސްޕެއާ ޕާޓާއި ތިން ޔޫއެސްބީ ޗާޖަރަކާއި ނުވަ ނޯޓުފޮތަކާއި 10 ހެޑްސެޓެއްގެ އިތުރުން 21 މޯބައިލް ފޯނެއް ފެނިފައިވެއެވެ.

އަދި 1.9 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގައި ސިމް ކާޑަކާއި ފަސް ޔޫއެސްބީ ޗާޖަރަކާއި 22 މޯބައިލް ފޯނެއް ޖަލުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދެ ސްކޭމްގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކުރި، 300 އަށް ވުރެ ގިނަ މީހުންގެ ސީދާ އަދި ނުސީދާ ބައިވެރިވުމެއް

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ދިނީ ބައި މިލިއަން ރުފިޔާގެ ސްކޭމް ހިންގި ގޮތުގެ ތަފްސީލެވެ. އެގޮތުން 587،149 ރުފިޔާ ފޭރުނު ގޮތަށް ބަލާއިރު:

  • ސްކޭމްގެ ވިކްޓިމް އަށް ގުޅީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު މެންދުރުފަހު
  • ވިކްޓިމް އަށް ސިމް ކޮމްޕްރޮމައިޒްވިކަން އެނގުނީ 50 މިނެޓު ފަހުން
  • މިއީ ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައި، ފޯނު ނަންބަރާއި އީމެއިލް ހޯދައި، ނަންބަރު އީސިމަކަށް ބަދަލުކޮށް ހިންގި ސްކޭމެއް
  • އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިކްޓިމްގެ އެކައުންޓުން 25 ހާސް ރުފިޔާ ނަގައި އޭނާގެ ބައިވެރިވުން އޮންނަ ޖަމިއްޔާއެއްގެ އެކައުންޓަކުން 562،000 އަށް ވުރެ ގިނަ ރުފިޔާ ނެގި
  • ބޭންކާ އެކު ކުރި މަސައްކަތުން އަމިއްލަ އެކައުންޓުން ނެގި 47 ޕަސެންޓު ފައިސާ އާއި ޖަމިއްޔާގެ އެކައުންޓުން ނެގި 42 ޕަސެންޓު ފައިސާ ސަލާމަތްކުރެވުނު
  • 36 ރަށަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން 150 މީހަކު ބައިވެރިވި

ދެވަނަ ސްކޭމް ކަމަށްވާ 1،921،899 މިލިއަން ރުފިޔާ ފޭރުނު ގޮތަށް ބަލާއިރު:

  • މި ސްކޭމް ހިންގާފައިވަނީ ރަސްމާލެ ޕްރޮޖެކްޓުގެ ނަމުގައި
  • ވިކްޓިމް އަކީ ވިޔަފާރި ކުންފުންޏެއްގެ ހިއްސާދާރެއް
  • ފައިސާ ފޭރުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:15 ހާއިރު، އެނގުނީ މެންދުރު 2 ގެ ފަހުން
  • ފުލުހުންނަށް މައްސަލަ ހުށަހެޅީ ހަވީރު
  • ވިކްޓިމްގެ އަމިއްލަ އެކައުންޓުން 24،883.14 ރުފިޔާ ގެއްލުނު، ކުންފުނީގެ އެކައުންޓުން 1.897،016 ރުފިޔާ ގެއްލުނު
  • 8 ލައްކައެއްހާ ރުފިޔާ ސަލާމަތްކުރެވުނު
  • ސީދާގޮތުންނާއި ނުސީދާ ގޮތުން 12 ރަށަކުން 158 މީހުން ބައިވެރިވި

މި މައްސަލައިގައި ދެ މީހަކު ހައްޔަރުކުރި ކަމަށާއި، ދެ މީހުންގެ ވެސް ކުށުގެ ރެކޯޑު އޮތް ކަމަށް ފުލުހުން ބުންޏެވެ. މީގެ ތެރެއިން އެކަކަކީ ޕެރޯލްގައި ހުރި މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.