ލާމު ލިންކު ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ލާމު ލިންކު ރޯޑުން މާންދޫއިން ގަމަށް ދަތުރު ކުރަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް އަލިފާން ނިވާލުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކާރުގައި ރޯވެފައިވާ މަންޒަރު ފެންނަ ފޮޓޯ އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ވީޑިއޯތަކުން ފެންނަ ގޮތުގައި ކާރު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.