ދިވެހިރާއްޖެއާއި ޗައިނާގެ ސިޝުއާން ޕްރޮވިންސް އާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ވައިސް ޗެއާމަން އޮފް ދަ ސްޓޭންޑިން ކޮމިޓީ އޮފް ސިޝުއާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، ހާ އެކްސަލަންސީ މިސް ޒޫ ޗުންޝިއު އިސްކޮށް ހުންނަވައި 6 މެންބަރުންގެ މައްޗަށް އެކުލެވޭ ވަފްދެއް އަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. މި ދަތުރުގެ މައިގަނޑު މަގްސަދަކީ ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

އެގޮތުން މިދަތުރުގެ ބައެއްގެ ގޮތުގައި ޗައިނާ (ސިޝުއާން) – މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްއެއް އަންނަ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި ގިނަ ދާއިރާތަކަކުން ސިޝުއާން ޕްރޮވިންސްގެ ވިޔަފާރިތައް މި ކޮންފަރަންސްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ޝިޝުއާން ޕްރޮވިންސްގެ ވިޔަފާރިތަކުން ބައިވެރިވާ ދާއިރާތައް:

  • ދަނޑުވެރިކަން
  • މޭވާ އަދި ތަރުކާރީ ސަޕްލައިކުރާ ފަރާތްތައް
  • ކާބޯތަކެތި އުފެއްދުމާއި، ޕްރޮސެސް ކުރުމާއި އެކްސްޕޯޓް އަދި ސަޕްލައިއާއި ބެހޭ ވިޔަފާރި
  • ކޮންސިއުމާ ގުޑްސް އަދި ހޯލްސޭލް ވިޔަފާރި
  • ފަތުރުވެރިކަމާއި ބެހޭ ދާއިރާ

މި ކޮންފަރެންސްގައި މަތީގައިވާ ދާއިރާތަކުގެ ސިޝުއާންގެ ވިޔަފާރިތަކާ ބައްދަލުކޮށް ނެޓްވޯކް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އެ ދާއިރާތަކުން ޒިޔާރަތްކުރާ ކުންފުނިތަކާ އަދި ސިޝުއާން ޕްރޮވިންސްގެ އިސްފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ޝައުގުވެރިކަން ހުރި ދިވެހި ވިޔަފާރިތަކުން އަންނަ މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން، އެކަން ބަޔާންކޮށް އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ފޯމު ފުރިހަމަ ކޮށް ހުށަހެޅުމަށް އެ މިނިސްޓްރީން ބުނެއެވެ.

ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި ތަނުގެ ޖާގައަށް ބަލައި ސިޝުއާން އިން އަންނަ ވިޔަފާރިތަކާ އެންމެ ގުޅޭ ދާއިރާތަކުގެ ވިޔަފާރިތަކަށް އިސްކަންދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މި ކޮންފަރަންސް އާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް، 3333181 ނުވަތަ 3333182 އަށް ގުޅުމަށާއި ނުވަތަ އީމެއިލް އިން ވެސް މައުލޫމާތު ހޯދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.