އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމަކީ އެއާޕޯޓުގެ ތަރައްގީއަށާއި، ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާނެ މުހިއްމު ފުރުސަތެއްކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގައި ބައިވެރިވަޑައިގަންނަވާ މަންދޫބުންނަށް މަރުހަބާ ދެންނެވުމަށް ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓު އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތަރައްގީގެ ކުރިއެރުން އަންނަ މިފަދަ ދަނޑިވަޅެއްގައި މި ކޮންގްރެސް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ ކުރިއަށްގެންދިއުމަށް އާ ފުރުސަތުތަކަށް މަގުފަހިވެގެންދާނެކަމެއް ކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން އުފެދިގެންދާ ގުޅުންތަކުގެ ސަބަަބުން، ވިޔާފާރީގެ ފުރުސަތުތައް ހޯދުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

ރާއްޖެ އޮތީ އިގްތިސާދު އާ ހަރުފަތަކަށް ގެންދިއުމުގެ މަގުމަތީގަައިކަން ޝަރީފް ފާހަގަކުރައްވިއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފަދަ ބައިނަލް އަގުވާމީ ބޮޑު އިންވެންޓެއް ބޭއްވުމުގެ މުހިއްމުކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތާއި ގުޅޭ ހިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށެވެ. އަދި މިފަދަ ކޮންގްރެސްތަކުގައި ކުރާ މަޝްވަރާތަކަކީ ރާއްޖޭގެ އިގްތިސާދު ތަރައްގީކޮށް، ކުރިއެރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކަމެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްއާއި މި ސިނާއަތުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަހަރުގެ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ރާއްޖޭގައި ބާއްވާއިރު، ޖުމްލަ 27 އެއާލައިން އަދި 17 އެއާޕޯޓާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފައެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއާއި އެކު ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާއި ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެންގަައުމުތަކުގެ އިސްފަރާތްތަކަށް ލިބިގެންދާނެ އެވެ. މިއާއިއެކު މިދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެއެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ.