މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ "ވޯޓާ ސެކިއުރިޓި ޕްލޭން" ގެ ދަށުން، ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫއުގައި ހިމެނޭ، މާލޭ ޓްރާންސްފާ ޕަމްޕް ސްޓޭޝަން ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ މާލޭގެ ޓްރާންސްފާ ޕަމްޕް ސްޓޭޝަން ގާއިމްކުރެވެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނާސަރީ ގެ މަސައްކަތް ކުރިން ކުރަމުން އައި މާލޭގެ 64 ނަމްބަރު ކޮށީގައި ކަމަށާއި މި މަސައްކަތް ނިންމާލުމަށް ތާވަލު ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް ކަމަށެވެ. އަދި މި މަސައްކަތަށް ޖުމްލަ 3.8 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާ ކުރެވޭކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.
ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫއަކީ، އެމްޑަބްލިޔުއެސްސީ ގެ "ވޯޓާ ސެކިއުރިޓި ޕްލޭން" ގެ ދަށުން 2016 ވަނަ އަހަރު ފެށުމަށްފަހު އެކި ސަބަބުތަކާހުރެ މިހާތަނަށް މަޑުޖެހިފައިއޮތް މަޝްރޫއެކެވެ. އެމްޑަބްލިޔުއެސްސީ އިން ބުނީ މި މަޝްރޫއުގެ މަސައްކަތް އަލުން ފަށައިގަނެ މާލޭގެ ޕަމްޕްސްޓޭޝަންގެ މަސައްކަތް ނިމުމާއިއެކު ސިނަމާލެ ބްރިޖްމަތީގައި އަޅާފައިވާ ހޮޅިމެދުވެރިކޮށް މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވާލެވޭނެކަމަށެވެ. އަދި މި ކަމުގެ ސަބަބުން މާލޭ ސަރަޙައްދުގައި އެ ކުންފުނިން ފޯރުކޮށްދޭ ސާފު ބޯފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ މާލޭގައި ގާއިމްކުރެވޭ މި ޕަމްޕް ސްޓޭޝަންގެ އިތުރުން މި މަޝްރޫއުގައި ހިމެނޭ އެހެން ބައިތަކަކީ ސިނަމާލެ ބްރިޖް މަތީގައި އަޅާފައިވާ 225 ކިލޯ މީޓަރުދިގު ހޮޅިލައިނާ ހުޅުމާލޭގައި ގާއިމް ކުރެވޭ ޓްރާންސްފާ ޕަމްޕް ސްޓޭޝަންއެވެ. މީގެ ތެރެއިން، ބްރިޖް މެދުވެރިކޮށް ހޮޅިލައިން އެޅުމާ، ޕްރެޝާ ޓެސްޓްކުރުމުގެ މަސައްކަތްވަނީ ނިމިފައިވާއިރު ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައްވެސް ފެށިފައިވާކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.
ހުޅުމާލެ އާއި މާލޭގެ ފެނުގެވިޔުގަ ގުޅާލުމުގެ މަޝްރޫއު މުޅިން ނިމި ހިދުމަތަށް ގެނައުމަށް އަމާޒު ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. އިތުރަށް އެ ކުންފުނިން ބުނީ މި މަޝްރޫއު ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަމްޕުކުރުމުގެ ގާބިލްކަން އެމްޑަބްލިޔުއެސްސީ އަށް ލިބިގެންދާނެ ކަމަށެވެ.
މިއީ މާލޭގައި ފެން އުފެއްދުމާއި ފެން ރައްކާކުރުމާއި ފެން ފޯރުކޮށްދިނުމުގެ ޤާބިލްކަން އިތުރުކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމްޑަބްލިޔުއެސްސީއިން ފަށާފައިވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.