ގަލޮޅު ކަންމަތީ ހިނގި ހާދިސާގައި މިހާތަނަށް ބެލި ބެލުމުން ގޮވާ އެއްޗެއްގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ މިއީ ގޮވާ އެއްޗެއްގެ ސަބަބުން ހިނގި ހާދިސާއެއް ނޫންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އިތުރު ނުރައްކަލެއް ނެތްކަން ކަށަވަރު ކުރެވިފައިވާތީ ސީން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހަވާލު ކޮށްފައިވާ ކަމަށެވެ.
މީގެކުރިން ފުލުހުން ބުނެފައި ވަނީ ގަލޮޅު ކަންމަތީގައި އޮތް ވޭނަކުން ބާރުގަދަ އަޑެއް ގޮވައިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ބެހޭ ގޮތުން މީޑިއާ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފްއިން ބުނެފައި ވަނީ ގަލޮޅު ކަންމަތީގައި ޕާކްކޮށްފައި އޮތް ވޭންއެއްގައި އެއްޗެއް ގޮވި ކަމުގެ ރިޕޯޓް ލިބުމުން މި ފަދަ ކަންކަމުގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާއާ އެއްގޮތަށް ކަންކަން ކުރަމުންދާ ކަމަށެވެ. އެމްއެންޑީއެފްއިން ވެސް ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާ ވޭނަަށް ވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓް ނުލިބޭ ކަމަށެވެ.