މީހަކު ރަނީހުނުކޮށް އިނގިލި ބުރިކޮށްލި ކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 18 އަހަރުގެ ފިރިހެނަކާއި 21 އަހަރު އަދި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ. މި 3 މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލްކޯޓުން ވަނީ އަމުރު ކޮށްފައެވެ.
މި 3 މީހުންގެ މައްޗަށް ކުރެވެނީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުން، ޖެހުން އަދި ހުއްދަ ނޫންގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ ތުހުމަތެވެ. މި ކުށްތަށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
އެގޮތުން ތަހުގީގު ބަޔާންތަކާއި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓުތަކާއި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާތަށް ފެންނަ ފޮޓޯތަކާއި އިންޓެލިޖެންސް ރިޕޯޓް އަދި އެ ނޫން ވެސް ހެކި ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ވެއެވެ.
އެ އަމުރުގައި ބުނެފައި ވަނީ މި މީހުން ހައްޔަރު ކުރުމަށް އަމުރުކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.
އަނިޔާ ލިބުނު ފަރާތަކީ މި 3 މީހުންނާއެކު މަސައްކަތްކުރި މީހެއް ކަމަށް ކޯޓު އަމުރުގައި ބުނެފައި ވާއިރު، އޭނާ ރަހީނުކޮށްފައި ނުވާނެ ކަމަށް 3 މީހުން ވެސް ވަނީ ބުނެފައެވެ. އަދި އެ މީހާގެ އިނގިލި ބުރި ނުކުރާ ކަމަށާއި ޕަވާޓޫލެއް ބޭނުން ކުރަނިކޮށް އަނިޔާ ލިބުނީ ކަމަށް ބުނެ އެ ތުހުމަތަށް ވެސް މި މީހުން ވަނީ އިންކާރުކޮށްފައެވެ.
އެހެން ނަމަވެސް އަނިޔާ ލިބުނު ފަރާތުގެ ފޮޓޯތަކަށް ބަލާއިރު ޖިސްމާނީ އަނިޔާ ގަސްދުގައި ދީފައިވާކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި ޖިސްމާނީ އަނިޔާ ދީފައިވާކަމަށް ބެލެވޭ ހެކި ހުށަހަޅާފައިވާކަން އެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އެއްމެ ކުރިން ކުރަންވި ކަމަކީ ރަހީނު ކުރުމާ ފޭރުމާ ޑުރަގު ވިޔަފާރިއާ މިކަންކަމަށް ހަރުކަށި ޤާނޫނެއް ހަދައި ޢަމަލު ކުރަން ފެށުން މިފަދަ މީހުންގެ ޝަރީޢަތް ފަޓާސްބަރިއެއްހެން ހިނގަން ވާނެއެވެ