އީ ލާނިން މޮޑަލިޓީގެ ދަށުން ޤުރުއާނާ ގުޅުން ހުރި ދާއިރާތަކުން ކިޔަވައިދިނުމަށް އެދޭ މަތީ ތައުލީމް ދޭ މަރުކަޒުތަކުން ޕްރޮގްރާމް ފަރުމާ ކުރުމަށް ފަހު ހުއްދަ ހޯދުމަށް ހުށަހެޅުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނީ، އިސްލާމިކް މިނިސްޓްރީއާ ބައްދަލުކޮށް ކުރި މަޝަވަރާގެ ތެރޭގައި އީ ލާނިން މޮޑަލިޓީގެ ދަށުން ކީރިތި ޤުރުއާނާއި ޤުރުއާނާ ގުޅުން ހުރި މާއްދާތައް ކިޔަވައި ދިނުމުގެ ހުއްދަ ދެވިދާނެކަމަށް ބަޔާންކޮށް އިސްލާމިކް މިނިސްޓްރީން ވަނީ ލިޔުމުން އެކަން އަންގާފައިވާ ކަމަށެވެ.
އެގޮތުން ކިޔަވައި ދިނުމުގައި އީ ލާނިން ޑެލިވަރީ މޮޑަލިޓީގައި މިހާރުން މިހާރަށް ވެސް މައާނިލް ޤުރުއާން އަދި އުލޫމުލް ޤުރުއާން ފަދަ މާއްދާތައް ކިޔަވައިދެވިދާނެ އެ މިނިސްޓްރީން ފޮނުވި ލިޔުމުގައި ބަޔާންކޮށްފައިވާ ކަމަށް އެމްކިއުއޭ އިން ބުނެއެވެ. އަދި ވަކި އުސޫލުތަކެއްގެ މަތިން ތިލާވާ އަދި ހިފްޒު ފަދަ މާއްދާތައް ކިޔަވައިދެވިދާނެ ކަމަށް އެ މިނިސްޓްރީން ބަޔާންކޮށްފައިވާ ކަމަށް އެމްކިއުއޭ އިން ބުނެއެވެ. މިގޮތަށް އީ ލާނިން މޮޑަލިޓީގެ ދަށުން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔަ ކަމުގައިވީ ނަމަވެސް، އިމްތިހާނުތައް ބާއްވަމުން ގެންދަންވާނީ ފޭސްޓުފޭސްކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވާ ކަމަށް އެމްކިއުއޭ އިން ބުނެއެވެ.
މީގެ އިތުރުން ޤުރުއާނުގެ ދާއިރާގެ ކޮންމެ ޕްރޮގްރާމެއް ވެސް އެ ޕްރޮގްރާމެއްގައި ކިޔަވައި ދެވޭ މާއްދާތަކަށް ރިއާޔަތްކޮށް ވަކި އުސޫލެއްގެ ތެރެއިން އީލާނިން މޮޑިލިޓީގައި ކިޔަވައި ދިނުމަށް ހުއްދަ ދެވިދާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން ޤުރުއާނާއި، ޤުރުއާނާ ގުޅުން ހުރި ދާއިރާތަކުން ޕްރޮގްރާމްތައް އެ މޮޑަލިޓީގެ ދަށުން ކިޔަވައި ދިނުމަށް ބޭނުންވާ މަތީ ތައުލީމު ދޭ މަރުކަޒުތަކުން އެ ޕްރޮގްރާމްތައް ފަރުމާކުރުމަށް ފަހު އެ އޮތޯރިޓީއަށް ހުށަހެޅުމަށް އެމްކިއުއޭ އިން ބުނެއެވެ.
އަދި އެ ޕްރޮގްރާމްތައް އީ ލާނިން މޮޑަލިޓީގެ ދަށުން ކުރިއަށް ގެންދަން ވާނީ އެ އޮތޯރިޓީގެ ހުއްދަ ދިނުމުންނެވެ. އަދި އެ މޮޑަލިޓީގެ ދަށުން ކުރިއަށް ގެންދާ މޮޑިއުލް ނުވަތަ ކޯހެއްގެ އިމްތިހާނެއް ކުރިއަށް ގެންދަން ވާނީ ފޭސް ޓު ފޭސް ކޮށް ކަމުގައި އެ އޮތޯރިޓީން ބުނެއެވެ.
އޮގަސްޓް 24، 2022 ގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެޒެޓުގައި ވަނީ އީ ލާނިންގެ ގައިޑްލައިނެއް ޝާއިއުކޮށްފައެވެ. އެ ގައިޑްލައިންގެ 11 ވަނަ މާއްދާގައި ވަނީ އީ ލާނިން މޮޑަލިޓީގެ ދަށުން ކުރިއަށް ނުގެންދެވޭނެ 8 ދާއިރާއެއް ބަޔާންކޮފައެވެ. އޭގެތެރޭގައި ޤުރުއާނާއި ޤުރުއާނާ ގުޅުން ހުރި ދާއިރާތައް ހިމެނެއެވެ.