ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ކައުންސިލްތަކުގައި ތިބޭ މެންބަރުންގެ އަދަދު މަދު ކުރުން ކަމަށާއި ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހ. ވެޔޮވިލާގައި މިހާރު ކުރިއަށްދާ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކައުންސިލްތަކުގެ ސައިޒް ކުޑަކުރަން ޖެހޭ ކަމަށާއި ކައުންސިލްތައް މިހާރު އޮތީ ނުކަތާ ވަރަށް ސައިޒް ބޮޑުކޮށް ކަމަށެވެ. ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަކީ ކޮންމެހެން ރައްޔިތުން ތަމްސީލް ކުރާ މިންވަރު މަދުކުރުން ނޫން ކަމަށެވެ. ގައުމެއް ހިންގުމަށް އެންމެ ވެރިއަކު ހޮވާ އިރު، 300 އެއްހާ އާބަދީއެއް އޮންނަ ރަށެއް ތަމްސީލު ކުރުމަށް ގިނަ އަދަދެއްގެ މީހުން ނެގުމަކީ މާ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އާބަދީގެ ގޮތުން ކުދި ރަށްރަށުގައި ކައުންސިލަށް ރައީސަކާއި ނައިބު ރައީސެއް ހޮވުމުން ފުދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އާބާދީގެ ގޮތުން އެއަށް ވުރެ ބޮޑެތި ރަށްތަކަށް އެ އަދަދު އެއަށް ވުރެ ކުޑަކޮށް ބޮޑުކޮށް އަދި ސިޓީތަކަށް އެއަށްވުރެ މީހުން އިތުރު ކުރި ކަމުގައި ވިޔަސް މިހާރަށް ވުރެ އެތައް ގުނައެއް ހަރަދު ކުޑަވެގެން ދާނެ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކަމަށާއި އެއީ ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި އިސްލާހު ގެނައުމަށް ވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް އިސްލާހު ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ކަން ކުރެވިއްޖެ ނަމަ ދައުލަތުގެ ހަރަދުން ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށާއި އަދި ސަލާމަތްވާ ފައިސާއިން ރައްޔިތުންނަށް ތަރައްގީ ގެނައުމަށް އެތައް މަސައްކަތެއް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮތުން ގެދޮރު ބިނާ ކުރުމަށާއި ސިއްހީ ފަރުވާ ދިނުމާއި ތައުލީމީ ދާއިރާއިން ތަރައްގީ ގެނައުމާއި މިސްކިތްތައް އެޅުމާއި އިޖުތިމާއީ އެތައް މަސައްކަތަކަށް އެ ފައިސާ ހޭދަ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ ވެސް ހަރަދުތައް ކުޑަ ކުރެވޭ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނިމިދިޔަ ދެ އިންތިހާބަށް ހިންގާފައިވާ ހަރަދަށް ބަލާނަމަ ދެ އިންތިހާބު އެކުއެކީގައި ބާއްވައިފި ނަމަ 120 މިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި އެ ފައިސާއިން ނިކަމެތި އެތައް އާއިލާތަކަކަށް ބޭނުންޖެހިފައިވާ ކަންކަން ސަރުކާރަށް ފުއްދައި ދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި ބަދަލު ގެނައުމަށް ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި ރައްޔިތުން އެގޮތަށް އެދޭ ނަމަ މިއަހަރުތެރޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.