ސަބްސިޑީ ދިނުމުގައި އޭގެ ހައްގުވެރިންނަށް އެކަނި ލިބޭނެ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ސާއިދު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. ސާއިދު ވިދާޅުވީ، މިއަހަރުގެ ބަޖެޓުގައި ސަބްސިޑީ ރިފޯމްކުރުމަށް އިސްލާހުތައް ގެންނަން ނިންމާފައިވީ ނަމަވެސް، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، އެ ބަދަލު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ހުރީ ފުރިހަމަނުކޮށް ކަމަށެވެ. އެގޮތުން އޭގެ ޓެކްނިކަލް މަސައްކަތާއި، އެކްޝަން ޕްލޭނާ ގުޅުން ހުރި ކަންކަން ހުރީ ފުރިހަމަ ނުކޮށް ކަަން ސާއިދު ފާހަގަ ކުރެއްވިއެވެ.
މިހާރު ރާއްޖޭގެ ފަގީރެއް ނިކަމެއްޗެއް ތަފާތު ކުރުމެއް ނެތި ސަރުކާރުގެ މާލީ އެހީތެރިކަން ހޯދުމަށް ޖާގަ އެބަ އޮތް ކަމަށާއި އެގޮތުން އާސަންދަ އާއި އެންސްޕާގެ ހިދުމަތް ވެސް ތަނަވަސް މީހުންނަށް ފަސޭހައިން ލިބިގަނެވޭ ކަމަށް ސާއިދު ވިދާޅުވިއެވެ. އެހެންކަމުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހާމަ ކުރައްވަމުން ސާއިދު ވިދާޅުވީ، މި ސަރުކާރުގެ ހިޔާލާއި ފިކުރާއި އެއްގޮތަށް ސަބްސިޑީ ރިފޯމްކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މާލީ އިސްލާހީ އެޖެންޑާގައި އެންމެ ބޮޑަށް އިސްކަންދެނީ ސަރުކާރުގެ އެހީ އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ސަބްސިޑީ ލިބޭނެ މަގު ތަނަވަސްކުރުން ކަމަށް ވެސް ސާއިދު ވިދާޅުވިއެވެ.
ހަރަދު ކުޑަކުރުމަށްޓަކައި ސަބްސިޑީ ރިފޯމްކުރުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. މި ބަދަލަށް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށަން ޖެހެއެވެ.
ދައުލަތުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރަށް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އަދި އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ވަނީ 1.7 ބިލިޔަން ރުފިޔާ ހޭދަވެފައެވެ. މި އަހަރު ތެރޭ އާސަންދައަށް ހިނގާނެ ކަމަށް ލަފާކޮށްފައި ވަނީ 1.9 ބިލިޔަން ރުފިޔާއެވެ. އެގޮތުން އަހަރު ދެބައި ވި އިރު މިހާތަނަށް އާސަންދައިން ވަނީ 917 މިލިޔަން ރުފިޔާ ހަރަދުކޮށްފައެވެ.