ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ނަމާދު ކުރަން ހާއްސަ ތަނެއް ހުޅުވައިފިއެވެ.

އެކަން އިއުލާން ކޮށްދެއްވަމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ތަސައްވުރުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.

އަދި މިތަން ގާއިމްކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީ އިން ފަންޑުކޮށްގެންކަން ފާހަގަ ކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ އެތަނުގައި ވުޟޫކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ. ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ނަމާދު ކުރާ މި ތަނަކީ ޖާގަ ތަނަވަސް ތަނެކެވެ.

ސްކޫލް ވަގުތުގައިވެސް ނަމާދު ކުރުމަށް ގިނަ ސްކޫލް ތަކުން ބާރުއަޅަމުން ދާއިރު ބައެއް ސްކޫލްތަކުން ދަނީ ޖަމާއަތުގައިވެސް ނަމާދު ކުރަމުންނެވެ.

އެގޮތުން ހުޅުމާލޭގެ ރެހެންދި ސްކޫލްގައި މެންދުރުފަހު ދަންފަޅީގައި ކިޔަވަން ދާ ހުރިހާ ކުދިން އެ ސްކޫލްގައި ޖަމާއަތުގައި އަސުރު ނަމާދުކުރަމުން ދާއިރު މިއީ އިސްލާމީ ރިވެތި އަގީދާ ކުދިންގެ ކިބައިގައި އަށަގެންނެވުމަށް މުހިންމު ކަމެކެވެ.

ބައެއް ސްކޫލްތަކުގައި ނަމާދު ކުރަން މިހާރުވެސް ހާއްސަ ކޮޓަރިއެއް ނޫނީ ތަނެއް ހުންނަ އިރު އަނެއްބައި ސްކޫލްތަކުގެ ކްލާސްރޫމްގައި ވެސް ނަމާދު ކުރަމުން ދެއެވެ.