ވިއްސާރަވެ އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެއްލާލާފައިވަނީ އައްޑޫ ސިޓީ ހިތަދޫ، އަސްރާރު މަންޒިލް ގޭގެ ފުރާޅުކަމަށެވެ. އަދި އެ ކަމާ ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔާ ސްޓޭޝަންގެ ސިފައިން ވަނީ އެ ގެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަގުތީގޮތުން އެ ފުރާޅު އަޅައިދީފައެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 09:41 ހާއިރު ކަމަށެވެ.

މޯލްޑިވްސް މެޓޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ވަނީ އިއްޔެ ހެނދުނު 9:00 އިން 15:00 އަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރެވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މެޓް އޮފީހުން 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ވަނީ ވައިޓް އެލާޓުވެސް ނެރެފައެވެ.