މާލޭ ގެއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސްވި މީހަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މ. އެންޒިއަންގޭގެ ތިން ވަނަ ފަންގިފިލާގައެވެ. މިތަނުގައި އަލިފާން ރޯވެ އެ އެޕާޓްމަންޓްގައި ދިރިނޫޅެވޭ ވަރަށް އެތަނަށް ވަނީ ގެއްލުން ވެފައެވެ. ނަމަވެސް އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.

މި ހާދިސާގައި 4 މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައި ވާއިރު، އޭގެ ތެރެއިން އެކަކަށް އައިސީޔޫގައި އަދި ދެން ތިބި ތިން މީހުންނަށް އެމަޖެންސީގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

މި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީން ވަނީ އެޕާޓްމަންޓުގައި އުޅުނު މީހުންނަށް ވަގުތީ ހިޔާއެއް ހަމަޖައްސައިދީފައެވެ.

އެމްއެންޑީއެފް އިން ބުނީ މ. އެންޒިއަންގޭގެ ތިން ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ފަންގިފިލާގައި ހުރި ގިނަ އަދަދެއްގެ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށާއި، އަލިފާން ރޯވިތާ މާގިނައިރުތަކެއް ނުވެ ސިފައިން އެ އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.