ސިނާއީ ބޭނުމަށް ކ. ތިލަފުށިން ބިން ކުއްޔަށް ބޭނުންވާ ފަރާތްތަކުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެއިލް އަށް ނުވަތަ ސިޓީއަކުން އެ ކޯޕަރޭޝަނަށް ހުށަހެޅުމަށް އެދިއްޖެއެވެ.

އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތިލަފުށިން ބިން ކުއްޔަށް ނެގުމަށް ގިނަ ފަރާތްތަކުން ހުށަހަޅަމުން ދާ ކަމަށެވެ.

އެހެން ކަމުން ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކުންނާއި ދިވެހި ކުންފުނިތަކުން ހުށަހެޅުމުން ބިމުގެ ޖާގަ ހުރި މިންވަރަކަށް ބަލައި ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އިއުލާންގައި ބުނެފައި ވެއެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ. އަދި ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައި ކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެފައި ވެއެވެ.