ފަލަސްތީނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯން އިން ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

ހުސްވި މަހުގެ 12 ވަނަ ދުވަހު ހެނދުނު 08:00 އިން ރޭގަނޑު 00:00 އަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ޕީއެސްއެމް އާއި ރާއްޖޭގެ ގިނަ މީޑިއާތައް ގުޅިގެން "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި ކުރިއަށް ގެންދިޔަ ހާއްސަ ޓެލެތޯން އަށް ވަނީ 19،186،815.5 ރުފިޔާ ލިބިފައެވެ.

މި ޓެލެތޯން ކުރިއަށް ގެންދިޔައީ ފަންޑު ފޮށީގެ އިތުރުން އޮންލައިން ޓްރާންސްފާވެސް ކުރެވޭ ގޮތަށެވެ. ޓެލެތޯނަށް ޖުމްލަ 19،186،851.5 ރުފިޔާ ލިބިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 18،418،922.24 ދިވެހި ރުފިޔާއާއި 49،800 ޑޮލަރެވެ.

މި ފައިސާ ފޮރިން މިނިސްޓްރީ އާ ހަވާލު ކުރުމަށް ޕީއެސްއެމްގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައި ވާއިރު މިނިސްޓްރީއާ ފައިސާ ހަވާލު ކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރެވެ. އަދި އެ ފައިސާއާ މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގަތީ ވަޒީރު މޫސާ ޒަމީރެވެ.

ސްޓެލްކޯ އިން ފަލަސްތީން ފަންޑަށް އެހީވުން / ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒީނާ ވިދާޅުވީ އެ ޓެލަތޯން ކުރިއަށް ގެންދިޔައިރުގައި އެންމެ މުހިންމު ކަމަށް ބެލީ ވީހާވެސް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށާއި އެގޮތުން އިންޑިޕެންޑެންޓް އޮޑިޓަރެއްގެ ގޮތުގައި ސީއެސްއާރްގެ ދަށުން "ކްރޯ މޯލްޑިވްސް"އިން މަސައްކަތް ކުރެއްވި ކަމަށެވެ.

ޓެލެތޯންގައި އެންމެ ގިނަ ވަގުތު ހޭދަވީ ފައިސާ ގުނަން ކަން ފާހަގަ ކުރައްވަމުން ޒީނާ ވިދާޅުވީ އިރުއޮއްސުނު އިރު ގުނަން ފަށައިގެން ގުނާ ނިންމުނީ އެ ރޭގެ ފަތިހު ކަމަށެވެ.

"ޓެލަތޯންގައި އެންމެ ގިނަ ވަގުތު ހޭދަވެގެން ދިޔައީ ފައިސާ ގުނުމަށް. އިރުއޮއްސުނުއިރު ފައިސާ ގުނަން ފެށީ. އެހެން ނަމަވެސް ފަތިހާ ހަމައަށް ކިރިޔާ ނިންމާލެވުނީ. ފަތިހު 4:30 ގެ ފަހުން ފައިސާ ހަވާލުކޮށް ނިންމާލެވުނީ. އެރޭ ހުރިހާ ފައިސާއެއް ގުނާ ނިންމާލެވުނު. ނަމަވެސް ވަކިލާރި ގުނަން އެންމެ ގިނަ ވަގުތު ހޭދަވީ. ވަކި ލާރި އެކަނި ވެސް ހުރި 40،000 އަށްވުރެ ރުފިޔާ. އެހެންވީމަ 6 ގަޑިއިރަށްވުރެ ގިނައިރު ހޭދަވި ވަކިލާރި ގުނަން،"
ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު

ހަމައެހެންމެ ރަސްމިއްޔާތުގައު ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއި ހިތާހިތުން ގުޅިފައިވާ ބައެއް ކަމަށާއި ސަރުކާރުގެ ފަރާތުންވެސް ފަލަސްތީނުގެ ރައްޔިތުންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފަލަސްތީނަށް އެހީވުމަށް ހާއްސަކޮށްފައިވާ އދ ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ ދިހަ ގުނަ އިތުރުކޮށް، މިއަހަރުން ފެށިގެން 50 ހާސް ޑޮލަރު ހަދިޔާ ކުރުމަށް އެ ދުވަހު ކުރިއަށް ގެންދިޔަ ޓެލެތޯންގައި ރައީސް ވަނީ ނިންމަވާފައެވެ.