ބަރަހަނާ ފިލްމު ކުޅޫ އަންހެނަކާއި ޓްރަމްޕާ ދެމެދު އޮތް ގުޅުން ސިއްރު ކުރަން އޭނާއަށް ޓްރަމްޕް ފައިސާ ދެއްވި މައްސަލައިގެ ހުކުމް އިއްވުން ސެޕްޓެމްބަރަށް ލަސްކޮށްފިއެވެ.

ކުރިން މިމަހުގެ 11 ގައި ހުކުމް އިއްވަން އޮތް ނަމަވެސް މައްސަލަ ލަސްވީ, މަގާމުގައި ހުންނަވާ ކުރެއްވާ ކަމެއްގެ ސަބަބުން ކުށްވެރި ނުވާނެކަމަށް ބުނެ ޓްރަމްޕްގެ މައްސަލައެއް އެމެރިކާގެ ސްޕްރީމް ކޯޓަށް ނިންމުމާ ގުޅިގެންނެވެ. އެ މައްސަލައަކީ, 2020 ވަނަ އަހަރުގެ އިންތިހާބުގެ ވޯޓުގެ ނަތީޖާ އޮޅުވާލުމަށް ޓްރަމްޕް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތެރޭގައި ހިނގާފައިވާ ކަންކަމާ ގުޅިގެން އުފުލި ދައުވާ އެކެވެ.

ސްޕްރީމް ކޯޓުގެ އެ ހުކުމާއެކު ޓްރަމްޕްގެ ވަކީލުން ވަނީ, ބަރަހަނާ ކުޅޭ މީހާގެ މައްސަލައިގައި ފައިސާ ދެއްވި ކަމަށް ދަށުކޯޓުގައި ސާބިތުވެ ނަމަވެސް އަދި ހުކުމް ނުކޮށް އޮތް އެ މައްސަލަ އަނބުރާ ނެގުމަށް ގޮވާލާފައެވެ. ވަކީލުން ބުނަނީ އެކަންވެސް ހިނގާފައި ވަނީ ޓްރަމްޕް ވެރިކަމުގައި ހުންނަވަނިކޮށް ކަމަށާއި ސްޕްރީމް ކޯޓުގެ އެ އަމުރާއެކު އެ މައްސަލަވެސް ބާތިލް ވާން ޖެހޭނެ ކަމަށެވެ.

މިދިޔަ މޭ މަހު ނިއުޔޯކްގެ ކޯޓުގައި ކުރިއަށް ގެންދިޔަ އެ މައްސަލައިގައި ޓްރަމްޕުގެ މައްޗަށް އުފުލި 34 ދައުވާ ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ހުކުމެއް ނުކުރެއެވެ. އެމެރިކާގެ ސިސްޓަމް އޮންނަ ގޮތުން, ހުކުމް ކުރުން ފަހުގެ ތާރީހަކަށް ބަދަލު ކުރެވޭނެއެވެ.

ޓްރަމްޕަކީ އެމެރިކާގައި މިއަހަރުގެ ނިވެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ މިހާރުގެ ރައީސް ޖޯ ބައިޑަންގެ މައްޗަށް ކުރި ހޯއްދަވާ އެމެރިކާގެ އަންނަ ދައުރުގެ ރައީސްކަން ކުރައްވާނެ ފަރާތް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ދާދި ފަހުން ދެ ކެންޑިޑޭޓުންގެ ދެމެދުގައި ބޭއްވި ރިޔާސީ ބަހުސްގައި ބައިޑަން އަށް ދޫ އޮޅި ހުއްޓުން އަރާ, ސުވާލާ ނުގުޅޭ ޖަވާބުތައް ދެއްވަމުން ގެންދަވާފައި ވުމުން, ގިނަ ބަޔަކު ވަނީ އޭނާ ވެރިކަން މިހާރު ފިޓް ނޫން ކަމަށް ބުނެ ވާހަކަ ދައްކާފައެވެ. އަދި ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުންވެސް މިވަގުތު އެންމެ ކުރީގައި އުޅެނީ ޓްރަމްޕެވެ.