ސަރުކާރުގެ ހަރަދުގައި އަައިވީއެފް ހަދަން ދާ ފުރަތަމަ 37 މީހުން ކަނޑައަޅައިފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނީ މި އަހަރު "އައިވީއެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައި ވަނީ 100 ދެމަފިރިންނަށް ކަމަށެވެ.

އެގޮތުން މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުއްވި 153 ފަރާތްތަކުގެ ތެރެއިން "'އައިޔޫއައި" އަދި "އައިވީއެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލުގެ ދަށުން އެހީއަށް ޝަރުތު ހަމަވެފައިވާ 37 ފަރާތަށް، ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ. އަދި އެ ފާރަތްތަކުގެ ލިސްޓު އެންސްޕާއިން ވަނީ އާންމުކޮށްފައެވެ.

އެންސްޕާއިން ބުނީ ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން މި މަހުގެ 30ގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭގޮތުން އެ އެޖެންސީއިން އެ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

މީގެއިތުރުން މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ލިޔެކިޔުން ހަމަކޮށް ހުށަހަޅާފައިނުވާ ފަރާތްތަކާއި، އަލަށް އެހީއަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފައިވާކަން އެންސްޕާއިން ވަނީ ފާހަގަކޮށްފައެވެ. އަދި މި އެހީއަށް ޝަރުތުހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހާލަތުބަދަލުވެފައިވާ ފަރާތްތަކަށް ވެސް އެ މުއްދަތުގައި އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް އެ އެޖެންސީއިން ބުނެއެވެ.

އެންސްޕާއިން އިތުރަށް ބުނީ އާންމުކޮށްފައިވާ މީހުންގެ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ޖުލައި 10ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00ގެ ގެ ކުރިން އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ޖުލައި 10ގެ ނިޔަލަށް ޝަކުވާ ހުށަހަޅާ ފަރާތްތަކުގެ ޝަކުވާތަކަށް ރިއާޔަތްކޮށް، ޝާއިއު ކުރެވިފައިވާ ލިސްޓަށް ބަދަލު ގެންނަންޖެހޭ ކަމުގައިވާނަމަ، މުރާޖައާ ކުރެވިފައިވާ ލިސްޓު މި މަހުގެ 15ވާ ހޯމަ ދުވަހު ގައި ޝާއިއުކުރާނެ ކަމަށެވެ.

އާސަންދަ މެދުވެރިކޮށް އައިވީއެފްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.