"އައިވީއެފް" ފަރުވާގެ ހަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ދޭ އެހީއަށް އެދުމުގެ އިތުރު ފުރުސަތުތަކަށް އަންނަ ބުރާސްފަތި ދުވަހު ހުޅުވާލާނެ ކަމަށް އެންސްޕާއިން ބުނެފިއެވެ.

އެންސްޕާއިން ކުރި އިއުލާނެއްގައި ބުނީ "ފާޓިލިޓީ ކެއާ ފަންޑް" މެދުވެރިކޮށް މި އަހަރު "އައިވީއެފް"ގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައިވާ ކަމަށެވެ.

އެގޮތުން ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން "އައިވީއެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިންނަށް ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

އެންސްޕާއިން ބުނީ "އައިވީއެފް"ގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00އާ ހަމައަށް ކަމަށެވެ. އެހީއަށް އެދި ފޯމު ހުށަހަޅަންޖެހެނީ އަންގަވް ޕޯޓަލް މެދުވެރިކޮށެވެ.

އެންސްޕާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާތަނަށް 93 ފަރާތަކަށް ވަނީ އައިވީއެފްގެ ފަރުވާއަށް ފާޓިލިޓީ ކެއާ ފަންޑުން އެހީ ދީފައެވެ. އޭގެ ތެރެއިން 23 މީހުންގެ ފަރުވާ ވަނީ ކާމިޔާބުވެފައެވެ.