ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަޓިލިޓީ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައިވީއެފް ފުރިހަމަ ކުރި ދެމަފިރިންނަށް ދަރިއަކު ލިބިއްޖެއެވެ.

އެކަން ހާމަކޮށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި ރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ތާރީހީ ކާމިޔާބީއެއް ކަމަށާއި މި ކަމުގެ ސަބަބުން ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބިގެންދިޔަ އުންމީދެއް ކަމަށެވެ.

ހަލީމް ވަނީ އެ މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ޓީމަށާއި އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުޙަބާ ދަންނަވާފައެވެ.

އައިވީއެފް ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަކަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއްކަން ފާހަގަ ކުރައްވާ ހަލީމް އިތުރަށް ވިދާޅުވީ، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، 15 ނޮވެންބަރ 2024 ގައި ރަސްމީކޮށް އެމަނިކުފާނު ހުޅުވައިދެއްވި ނެޝަނަލް ފަރޓިލިޓީ ސެންޓަރަކީ، ދިވެހި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.

އަދި އައިވީއެފްގެ ހިދުމަތް މުޅިން ހިލޭ ލިބޭނެގޮތް ހަމަޖައްސަވައިދެއްވައި، ރައްޔިތުންގެ ތަކުލީފުތަކަށް ނިމުމެއް ގެނެސްދެއްވި ކަމަށްޓަކައި ހަލީމް ވަނީ ރައީސަށް ޝުކުރު އަދާ ކުރައްވާފައެވެ. ހަމަ އެހެންމެ ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާތަކަކީ، ދިވެހި އާއިލާތައް ބިނާކޮށް، ދުޅަހެޔޮ މުޖުތަމައެއް ގާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސީ ހިދުމަތެއްކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، ދަރިފުޅު އުފަންވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި ދަރިފުޅާއި މަންމަގެ ހާލުވެސް ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލިހަށް އެންމެ ފަހުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދަރިމައިނުވުމުގެ މައްސަލައަކީ ވަރަށް ގިނަ ދިވެހި ރައްޔިތުންގެ ހިތްދަތިކަމާ ގުޅިފައިވާ ސިއްހީ މައްސަލައެއް ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ނެޝަނަލް ފާޓިލިޓީ ސެންޓަރެއް ގާއިމުކޮށް އެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން، އެންޑޯމެޓްރިއޯސިސް އަދި ޕެލްވިކް ކްލިނިކުގެ ނަމުގައި ކްލިނިކެއް، އައިޖީއެމްއެޗުގައި ގާއިމުކޮށް، އެ ޚިދުމަތްވެސް ފޯރުކޮށްދެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަމިއާއެކު، "އެންޑޯމެޓްރިއޯސިސް" އަދި "ޕީސީއޯއެސް"ގެ ފަރުވާ، އާސަންދަ ސްކީމުން ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށާއި "އައިޔޫއައި" އަދި އައިވީއެފްގެ ފަރުވާތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި، އައިވީއެފް" އާއި އައިޔޫއައި"ގެ ފަރުވާގެ އެހީ 105 ފަރާތަކަށް ހަމަޖެހި، 84 ފަރާތެއް ވަނީ މި ޚިދުމަތް ހޯދަން މިހާރު ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަ އެހެންމެ މި ހިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ސަރުކާރުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ކަނޑައަޅައި، ފަޓިލިޓީ ކެއާ ފަންޑެއް މިހާރުވާނީ ގާއިމުކޮށްފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.