ހުމާއި އަރިދަފުސް ރޯގާ ހުންނަ ފަރާތްތަކަށް ހާއްސަ ފްލޫކްލިނިކެއް އައިޖީއެމްއެޗްގައި ހުޅުވައިފިއެވެ.

އައިޖީއެމްއެޗް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުމާއި އަރިދަފުސް ރޯގާ ހުންނަ ފަރާތްތަކަށް ހާއްސަ ފްލޫ ކްލިނިކެއް މިހާރު ގާއިމުކުރެވިފައިވާކަމަށާއި، މި ކްލިނިކުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ލިބޭނެ ކަމަށެވެ.

އައިޖީއެމްއެޗް އިން ބުނީ މި ފްލޫ ކްލިނިކު ގާއިމުކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10ގައި ކަމަށެވެ. ފްލޫ ކްލިނިކަށް އަންން ހުރިހާ ފަރާތްތަކުންވެސް ފުރަތަމަ އީއާރް ޓްރައިޖަށްގޮސް ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމަށް އައިޖީއެމްއެޗް އިން ވަނީ އިރުޝާދު ދީފައެވެ.

އެއަށްފަހު ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެކަމަށްވެސް ވަނީ ބުނެފައެވެ.

ފްލޫ ކްލިނިކަށް ދާނެ މަގުޗާޓު ދައްކުވައިދޭ ކުރެހުމެއް

އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވެފައިވާތީ އައިޖީއެމްއެޗް އިން މީގެކުރިންވެސް ވަނީ ސަމާލުކަން ދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދުދީފައެވެ.

ޗުއްޓީއަށް މާލެ ކައިރި ރަށްރަށުގެ އިތުރުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް މީހުން ދަތުރުކުރާނެކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ޗުއްޓީގައި އަތޮޅުތަކަށް ދާ މީހުންގެ އިތުރުން ރާއްޖެއިން ބޭރަށް ވެސް އެތައް ބަޔަކު އާންމުކޮށް ދަތުރު ކުރާއިރު، މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.