ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި އަދި ވިޔަފާރި ސާމްޕަލް ގޮތުގައި ގެންނަ ތަކެތިން ޑިއުޓީ މަޢާފު ކުރުމުގެ އުސޫލަށް އަމަލުކުރަން ފަށާފައި ވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މި އުސޫލުގެ ދަށުން ޑިއުޓީ އިނާޔަތް ދިނުން އިސްތިސްނާވާ ތަކެތީގެ ތެރޭގައި:

  1. މޮޓޯ ސައިކަލް އަދި އޮޓޯ ސައިކަލް
  2. ކަނޑުގައި ދުއްވާ އުޅަނދުފަހަރު
  3. ހަތަރު ފުރޮޅުލީ އުޅަނދުފަހަރު
  4. އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ސްޕެއާ ޕާޓްސް
  5. ސިންގަލް ޔޫސް ޕްލާސްޓިކްސް
  6. އެނާޖީ ޑްރިންކްސް
  7. ދުންފަތް ނުވަތަ ނިކޮޓިން ހިމެނޭ ބާވަތްތައް

ކަސްޓަމްސް އިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތިން ޑިއުޓީ މައާފުކުރުމަށް ކަސްޓަމްސް އިން ކަނޑައަޅާފައިވާ މިންވަރަކީ، އެފްއޯބީގެ އަގުން 10،000 ރުފިޔާގެ ތަކެއްޗެވެ.

ބިދޭސީންގެ ނަމުގައި ގެންނަ ތަކެތި މި އެލެވެންސްގެ ދަށުން ދޫނުކުރެވޭނެ ކަމަށް ކަސްޓަމްސް އިން ބުނެފައި ވާއިރު، އެމީހުން ރާއްޖެއިން ބޭރުން އަންނައިރު ގެންނަ ތަކެތީގެ ތެރެއިން އަންނައުނާއި، ގަހަނާއާއި އަތުކުރި ގަޑި އަދި ގަލަމާ ޕޯޓަބަލް ބައެއް ޑިވައިސްތަކާއި ޓޮއިލެޓްރީޒް، ފޮތާއި ފަންސުރާއި މަޖައްލާގެ އިތުރުން ސްޕޯޓްސް އިކްއިޕްމަންޓް، ބޭބީ ކެރިއާ އަދި ވީލްޗެއާ ފަދަ ތަކެތި ދޫކުރެވޭނެ ކަމަށެވެ.

ކަސްޓަމްސްގެ އުސޫލުގެ ދަށުން މުދަލުގެ އަގު 10،000 އަށް ވުރެ ބޮޑުނަމަ އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަންސް ހުށަހަޅަން ޖެހެއެވެ. ހަމަ މިއާއެކު މުދަލުގެ އަގު 10،000 އަށް ވުރެ ކުޑަނަމަވެސް، އެތަކެތީގެ ބާވަތާ، އަދަދާ، އަގާ، ގެންނަ ނިސްބަތަށް ބަލާއިރު، އެއީ އަމިއްލަ ކުދި ކުދި ބޭނުންތަކަށް ދޫކުރެވޭ ވަރަށް ވުރެ ގިނަ ތަކެތި ކަމަށްވާ ނަމަ ގުޑްސް ޑިކްލަރޭޝަންސް ހުށަހަޅައި ޑިއުޓީ ދައްކަން ޖެހޭކަމަށް މި އުސޫލުގައި ވަނީ ބަޔާން ކޮށްފައެވެ. އިތުރަށް މި އުސޫލުގައި ބުނެފައިވަނީ އާންމު ފަރުދުންގެ ބޭނުމަށް ޑޮކްޓަރުންގެ ބޭސް ސިޓީއަކާއެކު ގިނަވެގެން 6 މަސް ދުވަހުގެ މުއްދަތަށް ގެންނަ ޑޮކްޓަރީ ބޭސް އެތަކެތީގެ އަގަށް ރިއާޔަތް ކުރުމެއް ނެތި ދޫކޮށްލެވޭނެ ކަމަށެވެ.