ލާއިންސާނީ އަނިޔާ ދޭ ޖަލު އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓުވާނީ މި ސަރުކާރުން ކަމަށް ރައީސް އޮފީހުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
ކުރީ ޕީޖީ މުހުތާޒް މިހެން ވިދާޅުވީ، ޖަލު ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް މަރުވި ގައިދީ މުހައްމަދު ޖަމީލްގެ މަރާ ގުޅިގެން މިސަރުކާރަށް ފާޑުކިޔައި މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ރައީސް އޮފީހުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒް މުހުސިން ވިދާޅުވީ، 2013 ވަނަ އަހަރު ފާސްކުރި އެންޓި ޓޯޗާ ގާނޫނު ތަންފީޒު ކުރުމަށް މިހާތަނަށް އެއްވެސް ސަރުކާރަކުން އެދެވޭ މަސައްކަތެއް ކުރިތަނެއް ފެނިފައި ނުވާ ކަމަށެވެ. ލާއިންސާނީ އަނިޔާ ދޭ ޖަލު އޮފިސަރުންނަށް ދެނީ މަގާމުގެ ކުރިއެރުން ކަަމަށާއި އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުއްޓުވާނެ ކަމަށް މުހުތާޒް ވިދާޅުވިއެވެ.
އެމްޑީޕީން މިއަދު ބުނެފައި ވަނީ، މި ސަރުކާރުން އަންނަނީ މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ށ. ފުނަދޫ، ޒަމާނީވިލާ، 45 އަހަރުގެ މުހައްމަދު ޖަމީލް މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި ހަގީގަތް ފޮރުވުމަށް ކަންކަން ކުރަމުން ކަމަށެވެ. ޖަމީލްގެ މަރުގައި މީގެ ކުރިން 2003 ވަނަ އަހަރު ޖަލުގައި އަނިޔާކޮށް މަރާލި، އީވާން ނަސީމްގެ މަރާއި އޭގެފަހުން 2007 ވަނަ އަހަރު މާލޭގެ ފަޅު ތެރެއިން މަރުވެފައި އޮއްވައި ފެނުނު، ހުސެއިން ސޮލާހުގެ މަރާ އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށް އެމްޑީޕީން ބުނެއެވެ، ޖަމީލްގެ މަރުގެ މައްސަލައިގައި ޝައްކު އުފެދޭ ބައިވަރު ކަންކަން އެބަ ހުރި ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި ޖަމީލު މަރުވެފައި ވަނީ ޕްރިޒަންސްގެ އޮފިސަރުންތަކަކަށް ބޮޑެތި ތުހުމަތު ކުރެވި އޮފިސަރުންތަކެއް ހައްޔަރު ކޮށްފައިވާ ދުވަސްވަރެއްގައި ކަމަށް ވާތީ އެ ނަޒަރިއްޔާތުން ވެސް މަރުގެ މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ. މީގެއިތުރުން މި ފާއިތުވި ދުވަސްތަކުގައި ޖަލުގައި ގައިދީންނަށް ލާއިންސާނީ އަނިޔާތަކެއް ކޮށްފައިވާ ކަމުގެ މައުލޫމާތުތަކެއް ވެސް އެމްޑީޕީއަށް ލިބިފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެފައި ވެއެވެ.
ޖަމީލުގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އޭނާ މަރުވީ އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިގެނެއް ނޫން ކަމަށެވެ. އަދި ޖަމީލުގެ ހަށިގަނޑުގެ ބޭރުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ހުލްޤުހެޔޮ ޤާޒީއަކު ބަލައި ޖަލަށް ވެއްދޭތޯ މަނިކުފާނު ބައްލަވާ