ކުރީގެ ސީއެޗްއެސްސީ އިމާރާތުގައި ސަރުކާރުގެ އޭލެވެލް ސުކޫލެއް ހުޅުވަން ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޝަފީއު ވިދާޅުވީ ފުރަމާލެއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ރަށް ކަމަށާއި ނަމަވެސް މާލޭގައި ސަރުކާރުގެ އޭލެވެލް ސުކޫލެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ދަރިވަރުންނާއި ބެލެނިވެރިން ފާޅުކުރަމުން ދާކަމަށެވެ. ޝަފީއު ވިދާޅުވީ މި ކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހު އޭލެވެލްގެ ކިޔެވުން ފެށުމުގެ ކުރިން، ކުރޫގެ ސީއެޗްއެސްސީގެ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެކަމަށެވެ.
މާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވުމުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭލެވެލް ދަރިވަރުންގެ އަދަދު މަދުވާނެކަމަށާއި، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހޭދަވެސް މިހާރަށްވުރެ ކުޑަކުރެވޭނެ ކަމަށް ޝަފީއު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޝަފީއު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދިނުމަށް މުޅިން އާ އިމާރާތެއް މާލޭގައި ބިނާކުރާނެ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ މި ފެށުނު ދިރާސީ އާއަހަރާއެކު ސީއެޗްއެސްސީ ހުޅުމާލެ ފޭސް 1 ކަށް ބަދަލުކޮށްފައެވެ. ސީއެޗްއެސްއީގެ އާ އިމާރާތް ފުރަތަމަ މާލޭގައި އަޅަން އާރްސީސީއާ ހަވާލު ކުރީ އޮކްޓޫބަރު 17، 2019 ގައެވެ. ނަމަވެސް މާލޭގައި އެކަށީގެންވާ ޖާގަ ނެތުމުން ފަހުން ސީއެޗްއެސްއީގެ އާ އިމާރާތް ހުޅުމާލޭގައި އަޅަން ނިންމީއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި އަހަރުގެ ދިރާސީ އާ އަހަރަށް މާލޭގެ ސުކޫލުތަކަށް ވަނުމަށް 4000 ވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައެވެ. އެގޮތުން މާލޭ ސަރަހައްދުގެ ސުކޫލުތަކަށް ގުރޭޑު އެކަކަށް ވެއްދުމަށް 2290 ފޯމު، ގުރޭޑު އެކެއް ފިޔަވާ އެހެނިހެން ގްރޭޑު ތަކަށް ވެއްދުމަށް 1450 ފޯމު، އަތޮޅުތެރޭ ސުކޫލުތަކުން މާލެ ސުކޫލުތަކަށް ބަދަލުވުމަށް 790 ފޯމު އަދި މާލޭ ސަރަހައްދުގެ އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލުވުމަށް 660 ފޯމު ވަނީ ހުށަހަޅާފައެވެ.