ދައުލަތުގެ ބެލުމުގެ ދަށުގައިމާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ މުހައްމަދު ޖަމީލް ޝައްކު އުފެދޭ ގޮތަކަށް މާފުށީ ޖަލުގައި މަރުވެފައި އޮއްވާ ފެނުނު މައްސަލަ ބަލައި ތަހުގީގު ކުރުމަށް ހިއުމަންރައިޓްސް ކޮމިޝަންގައި ދަ ޑިމޮކްރެޓްސް އިން އެދިއްޖެއެވެ.

ޝަރީއަތް ނިމެންދެން ދައުލަތުގެ ބެލުމުގެ ދަށުގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ށ. ފުނަދޫ، ޒަމާނީވިލާ، މުހައްމަދު ޖަމީލް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުއެވެ.

ޖަމީލްގެ މަރާ ގުޅިގެން ޑިމޮކްރެޓްސްއިން ބުނީ، އޭނާގެ ހަށިގަނޑުގައި ނޫފައިގެންފައިވާ ތަންތަނާއި އަނިޔާގެ ނިޝާންތައް ކަމަށް ބެލެވޭ ގިނަ ތަންތަން ހުރުން ފަދަ ކަންކަން ފާހަގަކޮށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ. ހަމައެއާއެކު އޭނާ މަރުވީ ޖަލު ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އަނިޔާކޮށް ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ސަބަބުން ކަމަށް ވެސް ގިނަ ބަޔަކު ބުނަމުން އަންނަ ކަމަށް ޑިމޮސްކްރެޓްސް އިން ބުނެއެވެ.

މި މަރުގައި ޝައްކު އުފެދޭ ކިތަންމެ ކަމެއް ހުރުމާއެކު މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލައި ތަހުގީގު ކުރުމަށް ޑިމޮކްރޭޓްސްއިން ވަނީ ހުށަހަޅާފައެވެ. އެގޮތުން މި މަރުގެ މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ އާއި ޖަލު ބަލަހައްޓާ އޮފިސަރުންގެ ފަރާތުން އަނިޔާކޮށްފައި ވޭތޯ އާއި އަދި ބޭސްފަރުވާ ހިމެނޭހެން ގާނޫނުތަކާއި ގަވާއިދުތަކުން ކަށަވަރުކޮށްދޭ އެންމެހައި ހައްގުތައް ޖަމީލް ބަންދުކޮށްފައި ހުރި މުއްދަތުގައި ފުރިހަމައަށް ލިބިފައިވޭތޯ ބެލުމަށް ވެސް ޑިމޮކްރެޓުން ހިއުމަން ރައިޓްސްއަށް ފޮނުވި ސިޓީގައިި ބުނެފައި ވެއެވެ.

ޖަމީލުގެ ހަށިގަނޑު، ހިނަވާގޭގައި ބާއްވާފައި އޮއްވައި އޭނާގެ ގައިގައި ހުރި ނިޝާންތަކެއް ދައްކައި އަނިޔާކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ދައުރު ކުރިއެވެ. މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ، ޕޯސްޓްޕޯޓަމް ހެދުމަށް ފުލުހުންނަށް އެންގި ނަމަވެސް ފުލުހުން އެތަނަށް ދިއުމުން އާއިލާއިން އެއީ ގުދުރަތީ މަރެއް ކަމަށް ގަބޫލުކުރާ ކަމަށާއި ޕޯސްޓްމޯޓަމް ހަދައިގެން ހަށިގަނޑަށް އިތުރަށް ގެއްލުންދޭން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެފަދަ ވާހަކަތަކެއް ދައުރު ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫންކަން ފާހަގަ ކުރައްވާ އިހުސާން ވިދާޅުވީ މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއަކު ދޫ ކުރާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހުގައި ކަމަށެވެ.