ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ ބައްޕަ ނިޔާވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް (އަދުރޭ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާޙިމް ނަސީމްގެ ބައްޕަ، އަލީ ނަސީރު (75އ) ނިޔާވި ހަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ.

އަދި އިބްރާހިމް ނަސީމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި އަބްދުއްރަހީމް ވަނީ ދުއާ ކުރައްވާފައެވެ.

މަޖިލިހުގެ 19 ވަނަ މަޖިލިހަށް އަމިއްލަ މެންބަރެއްގެ ގޮތުގައި އިންތިހާބު ވެވަޑައިގަން އިބްރާހިމް ނަސީމް ވަނީ ޕީއެންސީ އާ ގުޅިވަޑައިގެންފައެވެ. މިއާއެކު އޭރު މަޖިލީހުގައި ތިބި ޕީއެންސީގެ ކެންޑިޑޭޓުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީ އިން ހޯދާފައި ވާއިރު 90 ދާއިރާއަކަށް ޕީއެންސީއިން ވާދަކޮށް 71 ދާއިރާ ވަނީ ކާމިޔާބު ކޮށްފައެވެ.